13 އަހަރުގެ ކުއްޖާއަށް ދިން އަނިޔާ ކުށްވެރިކުރަން، ހިތްވަރު ދިން އިދާރާތަކަށް ހައްގު އަދަބު ލިބެން ޖެހޭ: ނަޝީދު

ކުޑަކުއްޖަކު ބަލިވެ އިން މައްސަލައިގައި 13 އަހަރުގެ އެ ކުއްޖާއަށް ދިން އަނިޔާ ކުށްވެރިކުރާ ކަމަށާއި އެކަމަށް ހިތްވަރު ދިން އިދާރާތަކަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުއްޖަކު ބަލިވެ އިން މައްސަލައިގައި ތުހުމަތު ކުރެވޭ ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ތަހުގީގީ އިދާރާތަކުގައި އެދިފައިވާނެ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 13 އަހަރުގެ އަންހެން ކުއްޖެއްގެ ނާޖާއިޒު ބޭނުން ހިފައި، ޖިންސީ ގޯނާކޮށް، އޭގެ ނަތީޖާއިން އެކުއްޖާ ބަލިވެ އިނދެ، އެކުއްޖާއަށް ދިން އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަމުގައި އިހުމާލުވި އިދާރާތަކާއި ހިތްވަރު ދިން ފަރާތްތަކަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ނާޖާއިޒު ބޭނުން ހިފައި، ޖިންސީ ގޯނާކޮށް، އޭގެ ނަތީޖާއިން އެކުއްޖާ ބަލިވެ އިނދެ އެކުއްޖާއަށް ލިބުނު އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިކަމުގައި އިހުމާލުވި އިދާރާތަކާއި ހިތްވަރު ދިން ފަރާތްތަކަށް ހައްގު އަދަބު ލިބެން ޖެހޭ،" ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވިއެވެ.
އެ މައްސަލައިގައި ފުލުހުން ބުނީ 13 އަހަރުގެ ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ޖެންޑާ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ބަލިވެ އިން 13 އަހަރުގެ ކުއްޖާއަކީ އިއްޔެ ވަޅި ހެރުމަށްފަހު ކަނޑަށް އެއްލާލާފައި މީހާއާ ގުޅުން ހުރި ކުއްޖެއް ކަމަށް ސޯޝަލް މީޑިއާގެ އިތުރުން އެކި ނޫސްތަކުގައި ތުހުމަތު ކޮށްފައިވެއެވެ. އެކަމަކު ރަސްމީ އެއްވެސް އިދާރާއަކުން އެކަން ޔަގީންކޮށްދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ