ސިއްހީ ދާއިރާގެ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީ ބޭނުންވޭ

ސިއްހީ ދާއިރާއިން ރާއްޖެއަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެ މަސައްކަތް ކާމިޔާބު ކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީ ބޭނުންވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އަބޫދާބީގައި ފެށި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހަތްވަނަ އިސްލާމިކް ކޮންފަރެންސް އޮފް މިނިސްޓާސް އޮފް ހެލްތު (އައިސީއެޗްއެމް)ގައި ވާހަކަ ދައްކަވަމުންނެވެ.
"ކޮލިޓީ އޮފް ލައިފް" ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ޝިއާރުގެ ދަށުން ރައްޔިތުންނަށް ރަނގަޅު ސިއްހީ ނިޒާމެއް ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން އެކަންކަން ހައްލުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ހަމައެހެންމެ އެކަން ހައްލުކުރުމަށް ބައިނަލްއަގްވާމީ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އޯއައިސީގެ ގައުމުތައް ގުޅިގެން މަސައްކަތްކޮށްގެން، ސިއްހަތަށް ގެއްލުންހުރި ގިނަ އަދަދަކަށް ހަކުރު އެކުލެވޭ ފަދަ ބުއިންތަކާއި ލުއިކާނާ އާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސިއްހަތަށް ކުރާ އަސަރުގެ އިތުރުން ސިނގިރޭޓު ކޮންޓްރޯލުކުރުމާއި އެންމެންނަށް ވެކްސިން ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ