ސަރުކާރުގެ މަޝްރޫއުތަކަށް ވާގޮތުން ރައްޔިތުން އަންނަނީ ހިނި: ރައީސް ޔާމީން

މި ސަރުކާރުގެ މަޝްރޫއުތަކަށް ވާ ގޮތުން ރައްޔިތުން އަންނަނީ "ހިނި" ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ކާނިވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުން މަޝްރޫއުތައް ހިންގަން ނުފަށާ ކަަމަށް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ 30 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް، ސަރުކާރުން "ފެން ފޮދަކާ ނުލައި" ދިރުވާލާފައިވާ ކަމަށެވެ. އަދި އިތުރު ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރިކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
"ދެން ނުފެށި ހުންނަ މަޝްރޫއުތަކަށް ވަނީ ކިހިނެއްތޯ؟ މަޝްރޫއުތަކަށް ވާ ގޮތަކީ އެންމެ ހިތްގައިމު ތިއޭޓަަރަކަށް ގޮސް، ސްކްރީން ބަލަހައްޓައިގެން ތިއްބާ، އެންމެ ގަބޫލު ކުރާ ފިލްމު އަންނަނީ..އަންނަނީ.. މަޝްރޫއުތައްވެސް އަންނަނީ..އަންނަނީ..،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މަޝްރޫއުތައް ނުފެށި ލަސްވާ އިރު، ރައީސް އޮފީހުގެ ކަލަންޑަރުގައިވާ ގޮތުން އަދި ސަރުކާރަށް މާގިނަ ދުވަސްތަކެއް ނުފުރެނީ ކަމަށް ވެދާނެ ކަމަށެވެ. ރައީސް ޔާމީން ވަނީ ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ހުރިނަމަ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައްވާފައެވެ.
ރާއްޖެ މިހާރު ތަރައްގީގެ އެތައް މަރުހަލާއެއް ފަހަތަށް ޖެހެމުން އަންނަ ކަމަށެވެ. އެގޮތުން ދެން އެހެން ސަރުކާރެއް އަޔަސް، ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާލަތު ބަދަލު ކުރުމުގެ ވިސްނުން ރައްޔިތުންގެ ތެރެެއިން ބަޔަކު ގެންގުޅޭ ކަމަށާއި ހާލަތު ބަދަލުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ