ޕާޓީ ހިންގާނެ ގޮތް ކޯޓަކަށް ކަނޑައެއް ނޭޅޭނެ: މައުމޫން

ޕީޕީއެމް ހިންގާނެ ގޮތް އަސާސީ ގަވާއިދުގައި ބުނެފައިވާ އިރު އެކަން ކުރަންވާ ގޮތް ކަނޑައެޅުމަކީ ކޯޓުތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެ ބޭފުޅުންގެ ދެމެދު އުފެދިފައިވާ މައްސަލަތަކުގައި، ރައީސްގެ ފެކްޝަންގެ ބަޔަކު ކުއްލިއަކަށް މިއަދު ސިވިލް ކޯޓަށް ވެއްދި މައްސަލައެއްގައި، ހަމަ ކުއްލިއަކަށް އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ކައުންސިލް ބައްދަލުވުމެއް ބޭއްވެންދެން ޕާޓީގެ މުސްތަޝާރުގެ މައްޗަށް ބާރުތައް ބަދަލުކުރި ކަމަށެވެ.
ކޯޓުގެ ހުކުމަށް ފަހު މައުމޫން ކުއްލިއަކަށް ބޭއްވެވި ކައުންސިލް ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ޕާޓީގެ ރައީސްކަމުން މީހަކު ވަކިވާނެ ގޮތްތައް އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއިން އެއްވެސް ހާލަތެއް އެމަނިކުފާނަށް ކުރިމަތިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއިން އެއްވެސް ކަމެއް މެދުވެރިނުވަނީސް ކިހިނެއްތޯއޭ ކޯޓުން އަޅުގަނޑު ވަކިކުރަން ހުކުމެއް ކުރެވޭނީ؟ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ސިޔާސީ ގޮތުން ޕްރެޝަރު ބޮޑު ދަނޑިވަޅެއް ނަމަވެސް، ވަރަށް ހަމަޖެހިވަޑައިގެން އިންނަވާ މައުމޫން ވިދާޅުވި އެވެ.
"ޕާޓީގެ މުސްތަޝާރަކީ ރައީސުލްޖުމްހޫރިއްޔާ. އެއްވެސް ގައުމެއްގައި ޕާޓީ ހިންގާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން."
ޕާޓީގެ ރައީސްގެ ބާރުތައް މުސްތަޝާރުގެ އަތްޕުޅު މައްޗަށް ދާ ގޮތަށް ކޯޓުން ހުކުމް ކުރިޔަސް، އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން މުސްތަޝާރަކީ ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް އޮތް ބޭފުޅެއް ނޫނެވެ.
މައުމޫން ވިދާޅުވީ ކޯޓަށް ހުށަހެޅީ "ކޯޓަށް ދާން ޖެހޭ ކަމެއް [ވެސް] ނޫން" ކަމަށެވެ.
ކޯޓަށް އިހުތިރާމްކުރެއްވި ނަމަވެސް އެ ނިންމުން ގަބޫލުފުޅު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން ނިންމަވާފައިވާ އިރު މައުމޫން ވިދާޅުވީ "ސިވިލް ކޯޓުން ހުކުމްކުރީ ވަރަށް ދެރަ ގޮތަކަށް" ކަމަށެވެ. އަދި އިސްތިއުނާފުން ގޮތެއް ނިމެންދެން އެއަށް އަމަލްނުކުރަން މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
"އެއީ ކޮންމެ މީހަކަށް ލިބިފައި އޮންނަ ހައްގެއް،" އިސްތިއުނާފަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިވިލް ކޯޓުގެ ޝަރީއަތް ޝެޑިއުލް ކޮށްފައި ކުރިން އޮތީ މިއަދު ތިނެއް ޖަހާއިރަށް ކަމަށް ވިޔަސް ހެނދުނު "ހުކުމް އައީ ކުއްލިއަކަށް" ކަމަށެވެ.
"އަޅުގަނޑު އެދޭ އެދުމަކީ ހައި ކޯޓުން ގޮތެއް ނިންމަންދެން މި ހުކުމެއް ތަންފީޒުކުރުމެއް ނޯންނާނޭ. ތަންފީޒުނުކުރައްވާށޭ. އެއީ ކޮންމެ ރައްޔިތެއްގެ ވެސް ހައްގެއް އެ މީހާއާ ދެކޮޅަށް ހުކުމެއް އަތުވެއްޖިއްޔާ އިސްތިއުނާފްގެ ހުކުމް އަންނަދެން ހުކުމް ތަންފީޒުނުކޮށް ބޭއްވުން،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށް ފަހު ޕާޓީގެ ރައީސް މައުމޫން ކައުންސިލްގެ މެމްބަރުންނާ ސަލާމްކުރައްވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
މައުމޫން ވިދާޅުވީ ޕާޓީގެ ހިންގުން މުސްތަޝާރާ ހަވާލުކުރަން ކޯޓުން ހުކުމް ކޮށްފައި އޮތަސް ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެއީ ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް އޮތް ފަރާތެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ އަސާސީ ގަވައިދުގެ 57 ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ ޕީޕީއެމްގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫނޭ. މިހާ ސަރީހަކޮށް، މިހާ ސާފުކޮށް މިކަން އަސާސީ ގަވައިދުގައި ބުނެފައި އޮއްވައި އެއާ ހިލާފަށް ކޯޓު އަމުރު ނެރުނީ،" މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް ދެރަކަމެކޭ. އަޅުގަނޑުމެން ކޯޓަށް އިހުތިރާމްކުރަމޭ. އެހެން ނަމަވެސް އަޅުގަނޑުމެންނަކަށް މި ހުކުމް ގަބޫލެއް ނުކުރެވޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ