ފަތުރުވެރިކަމުގެ ދާއިރާގެ މުސްތަގުބަލް ވަރަށް އުޖާލާ: ޒަމީރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރަގައި މިހާރު ފެށިފައިހުރި މަޝްރޫއުތަކުން ފަތުރުވެރިކަމުގެ ދާއިރާގެ މުސްތަގުބަލް ވަރަށް ބޮޑަށް އުޖާލާވެ ކުރިއަރައިގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރަކީ ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި ތިން އަހަރު ކަމަށެވެ. އެހެންނަމަވެސް މިގޮންޖެހުންތަކާއި އެކުވެސް ވޭތުވެ ދިޔަ ތިން އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ލަނޑުދަނޑިތަކެއް ހާސިލް ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ފެށިފައިހުރި މަޝްރޫއުތަކުން ފަތުރުވެރިކަމުގެ ދާއިރާ އެއްކޮށް ބަދަލުވެގެންދާނެ ކަމަށެވެ. ކުރިއަށް އޮތް ދެއަހަރު ތެރޭގައި 30 އާއި 40 ދޭތެރޭގެ އަދަދަކަށް ރިސޯޓުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާ ހަމައެއާ އެކު ވަރަށް ބޮޑެތި މަޝްރޫއުތައް ހިންގުމަށް ރޭވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ ބައެއް ފަޅުތައް ހިއްކައިގެން މިދާއިރާ ތަރައްގީކުރުމަށް ރޭވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ މިދާއިރާގައި އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ އެމްއެމްޕީއާރްސީގެ ހިޔާނާތް ކަމަށާ އެކަމުން އަރައިގަނެވި އެކަން ހައްލުކުރެވިފައިވާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި މީހުންނާއި މެދު ފިޔަވަޅު އަޅާ ދެން އެކަހަލަ ކަމެއް ނުކުރެވޭނެ ގޮތަށް މުޅި ސިސްޓަމް ބަދަލުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ޒަމީރު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ