ސިއްހީ ދާއިރާގެ ދެ ކައުންސިލަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ދެ ކައުންސިލަކަށް މެންބަރުން ހޮވުމަށްޓަކައި ޝައުގުވެރިވާ ފަރާތްތަކުން މެންބަރު ކަމަށް ކުރިމަތިލުމަށް އަނެއްކާ ވެސް ހުޅުވާލައިފި އެވެ.
ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން މެންބަރު ކަމަށް ކުރިމަތިލުމަށް އަނެއްކާވެސް ހުޅުވާލާފައި މިވަނީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފް ކައުންސިލާއި މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލަށެވެ.
މި ދެ ކައުންސިލަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައި މިވަނީ މީގެ ކުރިން މި ދެ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނުވާތީ ކުރިން ކުރި އިއުލާން ބާތިލްކުރުމަށްފަހު އެވެ.
މި ދެ ކައުންސިލްގެ މެންބަރު ކަަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ކުރިއަށް އޮތް އޯގަސްޓް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.
މި ދެ ކައުންސިލްގެ ތެރެއިން އެލައިޑް ހެލްތް ކައުންސިލަށް ހޯދަނީ ގާނޫނީ ދާއިރާގެ މީހަކާއި އެލައިޑް ހެލްތް ފްރޮފެޝަނަލުންގެ ތެރެއިން މީހެކެވެ. އަދި ނާސިން އެންޑް މިޑްވައިފް ކައުންސިލަށް ހޯދަނީ ގާނޫނީ ދާއިރާގެ މީހަކާއި ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ނަރުހަކާއި ނާސިން ނުވަތަ މިޑްވައިފް ނޫން ސިއްހީ އެހެން ދާއިރާއެއްގެ ފަންނީ މަސައްކަތްތެރިއެކެވެ.
ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގައި ބުނެފައިވަނީ މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަސް ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މި ދެ ކައުންސިލް އެކުލަވާލައްވަން ޖެހޭނެ ކަމަށެވެ.
އެލައިޑް ހެލްތް ކައުންސިލަށް 11 މެންބަރުން އައްޔަންކުރަންޖެހޭއިރު ނާސިން އެންޑް މިޑްވައިފް ކައުންސިލަށް ނުވަ މެންބަރުން އައްޔަންކުރަންޖެހެ އެވެ.
ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ފަންނުގައި މަަސައްކަތް ކުރާ ފަރާތްތައް އެ ފަންނުގައި މަސައްކަތް ކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ފަރާތްތަކާއި ގުޅޭ ކަންކަން ބަލައި ތަންފީޒުކުރާނެ ކައުންސިލްތައް އުފައްދާ އެ ކައުންސިލްތަކުގެ މަސައްކަތުގެ ދާއިރާ އާއި ތަންފީޒީ ބާރުތައް ކަނޑައެޅުމާއި އެނޫންވެސް ކަމާ ގުޅޭ އެންމެހާ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވާ ގާނޫނެވެ.
ނާސިން އެންޑް މިޑްވައިފް ކައުންސިލަކީ ނަރުސް ކަމުގެ ހުއްދަ ދިނުމާއި އެ ފަރާތްތަކުގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރާ ކައުންސިލެވެ. އެލައިޑް ހެލްތް ކައުންސިލަކީ މެޑިކަލް އަދި ޑެންޓަލް ދާއިރާ އާއި ނަރުހުންނާއި މިޑްވައިފުން ފިޔަވައި ސިއްހީ އެހެން ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި އެ ފަރާތްތަކުގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރާ ކައުންސިލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ