ފަލަސްތީނު ކުޑަކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފި

ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 15 އަހަރުގެ ކުއްޖެއްގެ ގަޔަށް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލު ސިފައިން އެކުއްޖާގެ ގަޔަށް ބަޑިޖަހާފައިވަނީ އޭނާގެ ދެބޭބެއަކާއި، އިތުރު ދެޒުވާނުންނާއެކު ކާރުގައި ދަނިކޮށް ކަމަށް ފަލަސްތީނުން ބުނެއެވެ. އިސްރާއީލުގެ އުދުވާނީ ސިފައިންގެ މިހަމަލާގައި ކާރުގައި ދެންތިބި ހަތަރު ޒުވާނުންވެސް ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުން އަންގައެވެ.
އިސްރާއީލު ސިފައިން އެކާރަށް ބަޑިޖެހީ އެމީހުން ސްވިމިންގޕޫލަށް ގޮސްފައި އެނބުރި ގެއަށްދިޔަ މަގުމަތީގައި ކަމަށް ވެއެވެ. އަދި އިސްރާއީލު ސިފައިން އެ ކާރަށް ބަޑިޖެހީ، އެއީ އިސްރާއީލު މީހުންނާ ދިމާއަށް ގާއުކަމުންދިޔަ ބައެއްކަމަށް ހީކޮށް ކަމަށްވެސް ވެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިންވެސް ފަހުން ބުނެފައިވަނީ، ކާރަށް ހަމަލާ ދެވުނީ "އޮޅިގެން" ކަމަށެވެ. އަދި އެކަން ތަހްގީގު ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން ފަލަސްތީނުގެ މަސްއޫލުވެރިން ގެންދަވަނީ ވަރަށް ބޮޑަށް ރުޅިވެރިކަން ފާޅުކުރައްވަމުންނެވެ. ޕީއެލްއޯގެ ސެކްރެޓަރީ ޖެނެރަލް ސާއިބް އުރައިގާތު ވިދާޅުވީ، އިސްރާއީލުގެ އުދުވާނީ ސިފައިން ހަމަ ގަސްދުގައި ފަލަސްތީނުގެ 15 އަހަރުގެ ކުއްޖާ މަރާލީ ކަމަށެވެ.
ހުޅަނގު އައްސޭރީގައި އިސްރާއީލުން ގަދަބާރުން ހިފާފައިވާ ބިންތަކުގައި ހިމެނޭ މައި މަގަކުން ދަތުރުކުރާ އިސްރާއީލުގެ ވެހިކަލްތަކަށް ފަލަސްތީނުގެ ޒުވާނުން ރެއިން ފެށިގެން ގާއުކަމުންދާ ކަމަށް ވެއެވެ. އިސްރާއީލުގެ ވެހިކަލްތަކަށާއި، އިސްރާއީލު މީހުންނާ ދިމާއަށް ގާއުކާ ފަލަސްތީނު ޒުވާނުންނަށް އިސްރާއީލުގެ އުދުވާނީ ސިފައިން ރައްދުދެނީ ހަތިޔާރުންނެވެ.
އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވަނީ، އިސްރާއީލު މީހުންނާ ދިމާއަށް ގާއުކާ ފަލަސްތީނު މީހުންނާ ދެކޮޅަށް "ހަނގުރާމަ" އިޢްލާން ކޮށްފައެވެ. އޭގެފަހުން، އިސްރާއީލުގެ ގާނޫނުހަދާ ފަރާތްތަކުންވަނީ، ގާއުކާ ފަލަސްތީނު މީހުން މަދުވެގެން ތިން އަހަރަށް ޖަލަށްލުމުގެ ގާނޫނެއް ފާސްކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީނުގެ ރަށްތަކުގައި، ފަލަސްތީނުގެ ޒުވާނުންނާއި، އިސްރާއީލުގެ އުދުވާނީ ބާރުތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި، އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި ފަލަސްތީނުގެ 209 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.
ފަލަސްތީނުގެ ޒުވާނުން ދެމުންގެންދާ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 32 މީހުން މަރާލާފައި ވެއެވެ.
ފަލަސްތީނު – އިސްރާއީލު ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށްޓަކައި ފަރަންސޭސިވިލާތުން އިސްނަގައިގެން މިއަހަރުގެ ފަހުކޮޅު ކޮންފަރެންސެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، ލަގްޒަމްބާރގްގައި އިއްޔެ ބޭއްވި ޔޫރަޕްގެ އިއްތިހާދުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ފަރަންސޭސިވިލާތުގެ އިސްނެގުމަށް ތާއީދުކުރާކަން ވަނީ ހާމަކުރައްވާފައެވެ.
ފަރަންސޭސި އިސްނެގުމަށް އިސްރާއީލުން ގެންދަނީ ކަނޑައެޅިގެން ދެކޮޅުހަދަމުންނެވެ. އިސްރާއީލުން ބުނަނީ، ބޭނުންވަނީ ފަލަސްތީނުގެ ވެރިންނާ ސީދާ ސީދާ ވާހަކަ ދެއްކުމަށް ކަމަށެވެ.
ނަމަވެސް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވަނީ، ލައްކަ ޒަމާންވަންދެން އިސްރާއީލަށް ފުރުސަތު ދެވިއްޖެ ކަމަށާއި، ސީދާ ސީދާ ވާހަކަތަކަށް ވަޑައިގަތުމުގެ ޝައުގެއް މިހާރު ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ