ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޭސް ފަރުވާއަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދިވަޑައިގެންފައި ވީނަމަވެސް މުއްދަތު ދެން އިތުރުކޮށްދޭން ގަސްތުނުކުރައްވާކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީނިއުސްއާއި ވާހަކަދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ އިނގިރޭސިވިލާތުން ފަރުވާ ހޯދުމަށް ނަޝީދު ރާއްޖެއިން ބޭރަށް ފޮނުވުމަށްފަހު މިއަދާއިހަމައަށް ބޭސްފަރުވާއަށް އެކަށީގެންވާ މުއްދަތެއް ދެވިއްޖެކަމަށެވެ. އަދި ނަޝީދު އެދިވަަޑައިގަތުމުން ތަކުރާރުކޮށް މުއްދަތު އިތުރުކޮށްދީފައިވާނެކަމަށާ ނަމަވެސް ދެން އިތުރު މުއްދަތެއް ދިނުމަށް ގަސްތުނުކުރައްވާކަމަށް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
"ނަޝީދަށް އަޅުގަނޑުމެން ގަބޫލްކުރަނީ އެކަށީގެންވާ މުއްދަތުތަކެއް ދެވިއްޖެކަމަށް ބޭސްފަރުވާއަށް. އެހެންވީމަ އަޅުގަނޑު ދެން ގަސްތެއް ނުކުރަން މިހާރު ނަޝީދު އެދިވަޑައިގެންފައިވާ މުއްދަތު އެމަނިކްފާނަކަށް ދެއްވުމަކަށް،" މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބޭސްފަރުވާކުރުމަށް އިތުުރު މުއްދަތު ދިނުމަށް ގަސްތުނުކުރެއްވިނަމަވެސް ނަޝީދު އެނބުރި ރާއްޖެއަށް އައުމަށް އަދި އަންގާފައިނުވާނެކަމަށެވެ. ނަމަވެސް ސަރުކާރުން އެފަދަ ނިންމުމެއް ނިންމުމަށްފަހު ކަނޑައަޅާ ވަކި ތާރީޙެއްގައި ނަޝީދު ރާއްޖެ ވަޑައިނުގެންފިނަމަ އެމަނިކްފާނުވެސް ވާނީ ފިއްލަވައިގެން އުޅުއްވާ ބޭފުޅަކަށްކަމަށް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
"އަދި ނާންގަން އިނގޭތޯ؟ ނަމަވެސް އަންގާ ހިސާބުން އެކަމަށް އަމަލްނުކޮށްފިނަމަ ދެން ނަޝީދުވެސް ވާނީ ފިލައިގެން އުޅޭ މީހަކަށް." މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
ބޭސް ފަރުވާއަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ރައީސް ނަޝީދު އެންމެ ފަހުން ހުށަހެޅުއްވީ މޭ 21 ވަނަ ދުވަހު އެވެ. އެދުވަހު ލިޔުންތައް ލިބިފައިވާ ކަން ޔަގީންކޮށްދެމުން ކަރެކްޝަންސް އިން ބުނެފައިވަނީ ވިދާޅުވީ މުއްދަތު އިތުރުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.
ރައީސް ނަޝީދަށް ބޭސް ފަރުވާއަށް ދީފައިވާ މުއްދަތު އެންމެ ފަހުން އިތުރުކޮށްދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 19 އިން ފެށިގެން 30 ދުވަހަށެވެ. މޭމަހުގެ 19 އަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.
ބޭސްފަރުވާއަށް އިނިގިރޭސިވިލާތަށް ވަޑައިގަތުމަށް ސަރުކާރުން އެންމެ ފުރަތަމަ ރައީސް ނަޝީދަށް ދިނީ އެއް މަސްދުވަހުގެ މުއްދަތެވެ. އެމުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށް 60 ދުވަސް އިތުރުކޮށްދިނުމަށް އެމަނިކުފާނު ހުށަހެޅުއްވީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. އެފަހަރު ލިޔެކިޔުންތައް ފުރިހަމަ ނުވާ ކަމަށް ބުނެ ކަރެކްޝަނުން ވަނީ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ނަޝީދަށް އިތުރު ފުރުސަތު ދީފަ އެވެ. އެންމެ ފަހުން އިތުރުކޮށްދިން މަސްދުވަސް ދިނީ އޭރު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ފާއިތުވެދިޔަ ފަހުންނެވެ. ހުއްދަ ނެތި ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހޭދަކުރެއްވި ދުވަސްތަކާއި މެދު ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދިނުމުން ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރެއެވެ. ނަމަވެސް އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގަތީ ސްރީލަންކާގައި ދެ ދުވަހު މަޑުކުރެއްވުމަށްފަހު އެވެ.
ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގަތީ އެމަނިކުފާނުގެ މައިބަދައާއި ގުޅިފައިވާ ނާރެއް ފިތޭތީ އެމަނިކުފާނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ އެވެ.
ރައީސް ނަޝީދުގެ މައްޗަށް އުފުލުނު ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ 13 މާޗު 2015 ގައެވެ.
ނަޝީދަށް މުއްދަތު އިތުރުކޮށްދޭން ގަސްތެއް ނުކުރަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ