މޫސުން ވަރަށް ގޯސް، ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވާން އެދިއްޖެ

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތަައް ހިނގަމުންދާ ކަމުގެ މައުލޫމާތު ކޯސްޓްގާޑްއަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން ކަނޑުދަތުރު ކުރައްވާ އުޅަނދުގެ އޮޑިވެރިންނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފުކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
ދަތުރު ކުރައްވާ އުނޅަދުގައި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކުގެ އިތުރުން ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުނޅަދުގައި މީހުން އުފުލުމަށް ހުއްދަ އޮތް މިންވަރަށް ވުރެއް ގިނައިން މީހުން ނޫފުލުމާއި، އުނޅަދު ފަހަރަށް މުދާ ބަރު ކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ވަނީ ކުދި އަނގަމަތި، ސަލާމަތީ ގޮތުން ރައްކާތެރިކަން ކުޑަ އުޅަނދު ފަހަރުގައި ދަތުރު ކުރައްވާ އިރު ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
ކަނޑުމަތީ ގައި އެއްވެސް ހާދިސާއެއް ހިނގާފިނަމަ ލަސް ނުކުރައްވާ އެމް އެން ޑީ އެފް ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް މިދުވަސް ވަރު މޫސުން ގޯސް ކަން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަ ކޮށްފައެވެ. އެންމެ ފަހުން މެޓް އޮފީހުން ވަނީ އުތުރާއި މެދު ތެރޭގެ ބައެއް އަތޮޅުތަކަށް މޫސުން ވަަރަށް ގޯސްވުމުގެ ސަބަބުން ރީނދޫ ސަމާލު ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ