ދިހަ ބާރަ އަހަރު ފަހަތަށް ޖެހިލާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހު ކެކެމުން ދިޔައީ ޒުވާން ލީޑަރުންނަށް ބޭނުންވާތީއެވެ. ރައީސް މައުމޫނަށް އެކަން އެނގިލައްވައެވެ.
އެހެންކަމުން، އެމަނިކުފާނު އަދި ވެރިކަމުން ދުރަށް ޖެހިވަޑައި ނުގަތަސްވެސް، އެވަގުތު އެމަނިކުފާނާ އެކުގައި މަސައްކަތް ކުރައްވަން ތިއްބެވި އުމުރުން ދުވަސްވީ ބައެއް ހިންގުން ތެރިން އެކަހެރި ކުރައްވަން އެމަނިކުފާނު ނިންމެވިއެވެ. އޭގެ ތެރޭގައި، ހާލާ ހަމީދުގެ ބައްޕާފުޅު މަރުޙޫމް އަބުދުﷲ ހަމީދު ވެސް ހިމެނުނުނެވެ.
އިއްޔެ ހިނގި ކަމެއް ފަދައިން، ހާލާ ގެ ހަނދާނުގައި އެ ބަދަލުގެ ކަންކަން ހިނގައި ދިޔަގޮތް ހަރުލާފައި އެބަހުއްޓެވެ.
ހާލާ ވިދާޅުވިއެވެ. އެއީ 2005 ވަނަ އަހަރުގެ ޖުލައި މަހުގެ ދުވަހެކެވެ. ރައީސް މައުމޫން އަރިހަށް ހާލާ ހާޒިރުކުރައްވިއެވެ. އަދި، އެކަމަނާގެ ބައްޕާފުޅު މަރުހޫމް އަބުދުﷲ ހަމީދު ގެ އެއިރުގެ އުމުރަށް ބައްލަވާއިރު، މަރުހޫމް އަބުދުﷲ ހަމީދު އެހުންނެވީ ރިޓަޔަރ ކުރައްވާ އުމުރުގައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އަބަދުވެސް މަޑުމައިތިރިކަމާއި ކެތްތެރިކަން އިސްކުރައްވާފައިވާ، އަދި ދިވެހިރާއްޖެ ނުދެކޭ ފަދަ ތަޢުލީމީ އާއިލާއެއް ބިނާކުރައްވާފައިވާ މަރުހޫމް އަބުދުﷲ ހަމީދުވެސް އަދި ހާލާ ހަމީދުވެސް ރައީސް މައުމޫންގެ ނިންމެވުން ބަލައިގަތެވެ.
މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ އަބުދުﷲ ޔާމީނެވެ. ކަން ދިމާކުރި ގޮތުން، ރައީސް މައުމޫން މިހާރު ހުންނެވީ އުމުރުން 70ގެ ފަހުކޮޅުގައެވެ. ޝަރަފުވެރިކަމާއެކު ގޭގައި ހުންނެވުން އައުލާކަން ބޮޑު ހިސާބެއްގައެވެ. ދެން އޮތީ، ރައީސް މައުމޫން ރިޓަޔަރ ކުރައްވާނެތޯ އުފެދޭ ސުވާލެވެ. ހާލާ ވިދާޅުވީ މީ އެދުވަސް ކަމަށެވެ. ނަމަވެސް، ރައީސް މައުމޫން ހުންނެވީ އެކަން ޤަބޫލުކުރައްވާ ގޮތަށް ނޫންކަން އެމަނިކުފާނުގެ ކޮންމެ ހަރަކާތަކުން ދޭހަވެއެވެ.
2005 ވަނަ އަހަރު ރައީސް މައުމޫން ވިދާޅުވި ފަދައިން، ޒުވާނުންނަށް ފުރުސަތުދީ، ދުވަސްވި ބޭފުޅުން ދުރަށް ޖެހިލެއްވުމަކީ އިތުރު ޖޯޝަކާއި ފޯރިޔަކާއެކު ޤައުމުގެ ކުރިމަގަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވިގެންދާނެ ގޮތެކެވެ. އެ ހަޤީޤަތް ހާލާ ހަމީދު ޤަބޫލުކުރެއްވިއެވެ. އެހެނަސް، ރައީސް މައުމޫނަށް އެފަދަ ދުވަހެއް ދިމާވުމުން، އެމަނިކުފާނު ހުންނެވީ އެ ހަޤީޤަތް ބަލައިގަންނާކަށް ނޫނެވެ.
ހާލާ ހަމީދު ޤަބޫލު ކުރެއްވި، އެހެނަސް ރައީސް މައުމޫން ޤަބޫލު ނުކުރައްވާ ހަޤީޤަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ