ޕާޓީ ހިންގުމުގެ ކަންކަން ފަަަސްޓް ލޭޑީއަކަށް ނުކުރެއްވޭނެ: މައުމޫން

ރައީސްގެ އަނބިކަނބަލުންނަށް ދީފައިވާ "ފަސްޓް ލޭޑީ"ގެ މަގާމަކީ ޕާޓީގެ އޮނިގަނޑުގައި އޮންނަ މަގާމެއް ނޫން ކަމަށާއި އެހެންވެ ޕީޕީއެމްގެ ހިންގުމުގެ ކަންކަން އެ ކަމަނާ އަށް ނުކުރެއްވޭނެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފަސްޓް ލޭޑީ އަކީ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގައި ވެސް ވަކި މަސްއޫލިއްޔަތުތަކެއް ހަވާލު ކޮށްފައިވާ މަގާމެއް ނޫން ކަމަށާއި އެއީ ރައީސްގެ އަނބިކަނބަލުންނަށް އިހުތިރާމް ކުރުމުގެ ގޮތުން ބޭނުން ކުރާ ލަގަބެއް ކަމަށެވެ.
އެހެންވެ، ޕީޕީއެމްގެ ގައުމީ ޖަލްސާ އާއި ކައުންސިލުން ވެސް ފާސްކޮށްފައި ނުވާ މަގާމެއްގައި ހުންނަވާ ފަރާތަކާ ޕާޓީގެ ހިންގުމުގެ ކަންކަން ހަވާލުކުރުމަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަހަކަށް އައިސް ޕީޕީއެމުން ބާއްވާ ބައެއް ޖަލްސާތަކާއި ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމެވެ.
ދެ ބައިވެފައިވާ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ޕީޕީއެމްގެ ތެރޭގައި ބައިބައިވުމެއް ނެތް ކަމަށް އެ ޕާޓީގެ ބައެއް އިސް ފަރާތްތަކުން ވިދާޅުވުމަކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުން ކަމަށެވެ.
"ޕީޕީއެމްގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ވެސް ބައިބައި ވުން އުފެދިފަ އެވެ. ޕާޓީގެ ގިނަ މެންބަރުން ބޭނުން ވަނީ ޕާޓީގެ މެންބަރުން އިންތިހާބު ކުރައްވާފައިވާ ރައީސްގެ ބެއްލެވުމުގެ ދަށުން ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް ކަންކަން ގެންދާށެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ނަމަވެސް މަދު ބަޔަކު ބޭނުން ވަނީ އެ ބައެއްގެ އަމިއްލަ ފައިދާ އަށް މި ކަންކަން ދޫކޮށްލާށެވެ."
އެ ބަޔާނުގައި ބުނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް އުފުއްލަވަން ޖެހޭނީ، ގިނަ މެމްބަރުންގެ ތާއީދާ އެކު އިންތިހާބުކޮށްފައިވާ ޕާޓީގެ ރައީސް މައުމޫނަށް ކަމަށެވެ. އެކަމަކު، ރާއްޖޭގެ ގާނޫނުތަކުގެ އިތުރުން، މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ވެސް އަމަލު ކުރާ އުސޫލުތަކާ ހިލާފަށް ޕާޓީގެ ކަންކަން މިހާރު ކުރިއަށް ގެންދަނީ އެ މަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ