އިންޑިޔާ ސަރުކާރުން ރާއްޖެއަށް މީސްލްސް ރުބެއްލާ ވެކްސިންގެ 20 ހާސް ޑޯސްއާއި ސިއްހީ ހިދުމަތުގައި ބޭނުންކުރާ އެކި އާލާތްތައް ހަދިޔާކޮށްފިއެވެ.
ސިއްހީ ވުޒާރާގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިންޑިއާ ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖ.ބަލަސުބްރަމަނިއަމްއެވެ. އަދި ރާއްޖޭގެ ފަރާތުން މި ތަކެއްޗާއި ހަވާލުވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ އަލީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ގީލާ އަލީ ވިދާޅުވީ މި ތަކެއްޗަކީ، ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަލުވިކޮށް، އާންމު ސިއްޙަތަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ވަރުގަދަ ކުރަމުންދާ މުހިންމު ދަނޑިވަޅެއްގައި ލިބުނު އެހީއެއްކަމަށެވެ. ވަޒީރު ވިދާޅުވީ ސިއްޙީ ދާއިރާއަށް ބޭނުންވާ މުހިންމު ސާމާނުގެ ސަބަބުން، ބަލިތަކުން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، އަދި ބައްޔަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެކަމަށެވެ.
"އެމް.އާރް ވެކްސިންގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށާއި ނުރައްކަލަށް ހުށަހެޅިފައިވާ ފަރާތްތައް ރައްކާތެރިކުރުމަށް މަގުފަހިވާނެ. އަދި ލެބޯޓްރީ ސާމާނު އިތުރުވުމުން، ބަލިތައް ދެނެގަތުމާއި މޮނިޓަރ ކުރުމުގެ މަސައްކަތްތައް އަވަސްވެގެންދާނެ. މީގެއިތުރުން، ޕީ.ޕީ.އީ އާއި ތައްޔާރީ ހާލަތަށް ބޭނުންވާ ތަކެތީގެ ސަބަބުން، އިސް ސަފުގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުވެ، ގައިންގަޔަށް އަރާ ބަލިތަކަށް އޮންނަ ތައްޔާރީ ހާލަތު އިތުރަށް ވަރުގަދަވާނެ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ގީލާ އަލީ ވިދާޅުވީ ދިވެހިރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ، ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަމަށާއި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިކަމަށެވެ. އެގޮތުން މި އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބާރުލުން ރަމްޒުކޮށްދޭ އިތުރު ހެއްކެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖ. ބާލަސުބްރަމަނިއަމް ވިދާޅުވީ ރާއްޖެއާއި އިންޑިއާއަކީ އަބަދުވެސް ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަމަށެވެ. އެގޮތުން ކޮންމެ ކާރިސާއެއް ދިމާވިޔަސް ފުރަތަމަ އިޖާބަދޭ ޤައުމެއްގެ ގޮތުގައި އިންޑިއާ ހިމެނޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއަށް ކުރިމަތިބި ކޮންމެ ކާރިސާއެއްގައި އިންޑިއާ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ސަފީރު ފާހަގަކުރެއްވިއެވެ.
"ސުނާމީ ކާރިސާއާއި އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގައިވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައި. ކުރިއަށް އޮތްތަނުގައިވެސް ރާއްޖެއާއި އިންޑިއާއި އޮތް ގުޅުން ބަދަހިކޮށް މިފަދަ އެތަކެއް މަސައްކަތްތަކެއް ކުރެވޭނެ. އަދި ރާއްޖެއަށް ބޭނުންވާ އިތުރު ތަކެތިވެސް އައުމުގެ މަގުމަތީގައި އުޅެނީ" ސަފީރު ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ތަކެއްތީގެ ތެރޭގައި 20،000 ޑޯސްގެ މީސަލްސް ވެކްސިންއާއި 3 ޓަނުގެ ސިއްހީ އެކި އާލާތްތައް ހިމެނެއެވެ.
މީސްލްސް ވެކްސިންގެ 20 ހާސް ޑޯސް އިންޑިޔާއިން ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ