ހެކިބަސް ދިނީ އަދުލުވެރިންނެއް ނޫން: ގާޒީ ނިހާންގެ ވަކީލް

ސައްހަ ނޫން ކޯޓު އަމުރެއް ނެރެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް ރަހީނުކުރަން އުޅުނު ކަމުގެ ކުށް ސާބިތުވެ ޖަލަށްލާފައިވާ ގއ. މާމިގިނލީ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިހާންގެ އިސްތިއުނާފު މައްސަލަ ހައިކޯޓުގައި މިއަދު ފަށައިފި އެވެ. ނިހާން ޖަލަށްލާފައިވަނީ 17 އަހަރަށެވެ.
މިއަދު ހެނދުނު ބޭއްވި، ހައިކޯޓު އަޑުއެހުމުގައި ނިހާންގެ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ، ނިހާންގެ މައްސަލާގައި ހެކިބަސް ދީފައިވަނީ އަދުލުވެރި ބައެއް ނޫން ކަމަށެވެ. ހެކި ބަސް ދީފައިވަނީ ސިޔާސީ މަގާމުތަކެއްގައި ތިބި ބަޔަކަށްވުމުން އެމީހުން ބަސް ގަބޫލުނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ނިހާންއާ ދެކޮޅަށް ދައުލަތުން ބައެއް ފުލުހުންނާއި ސިއްރު ގިނަ ހެކިންތަކެއް ހުށަހެޅި އެވެ.
މައްސަލާގައި ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އެގޮތުން އެއް ދުވަހެއްގައި ހެކި ބަސް ނަގައި، ހެކި ބަހާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ނުދީ، ހުލާސާ ބަޔާން އިއްވަން އެންގި ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ، ރައީސް ހައްޔަރުކުރަން ނެރުނު އަމުރު ހެދީ ނިހާން ނޫންކަން ހެކި ބަހުން ވެސް އެނގޭ ކަމަށާއި އަމުރު ދޭން ނިހާން ދެކޮޅު ހެދިކަން ވެސް ހެކި ބަހުން އެނގޭ ކަމަށެވެ. މާލެއިން ފެނުނު އަމުރަކީ ނިހާންއާ ގުޅުންހުރި އަމުރެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ނިހާންގެ ފަރާތުން ފާހަގަކުރި ކަންކަމާ ގުޅޭ ގޮތުން ދައުލަތުން ޖަވާބުދާރީވުމެވެ.
ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ނިހާންގެ އިތުރަށް ދައުވާކުރި ކުރީގެ ޕީޖީ މުހުތާޒު މުހުސިންގެ މައްޗަށް ވަނީ ހުކުމް އިއްވާފަ އެވެ. އިއްވާފައިވަނީ 17 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އެ މައްސަލަ ވެސް ވަނީ އިސްތިއުނާފުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ