މާލޭގައި ކުށްކުރުން އިތުރުވަމުންދާތީ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފައްޓަވައިފި

މާލޭގައި މި ދުވަސްވަރު މާރާމާރީ އާއި ކުށްކުރުން އިތުރުވަމުންދާތީ ފުލުހުން ރޭ ހާއްސަ އޮޕަރޭޝަނެއް ފައްޓަވައިފި އެވެ.
ޗީފް އިންސްޕެކްޓަރު އިބްރާހިމް ހަލީލު މިއަދު ވިދާޅުވީ ރޭ އިރުއޮއްސި ހަޔަކުން ފެށިގެން ކުރިއަށް ގެންދަވަން ފެއްޓެވި އޮޕަރޭޝަންގެ ސަބަބުން މިހާތަނަށް މާލޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގައިފައި ނުވާ ކަމަށެވެ.
ދެ ގުރޫޕެއްގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހާއި ހޯމަ ދުވަހުގެ ރޭ މާލޭގައި ވަނީ ވަރަށް ބޮޑެތި މާރާމާރީތަކެއް ހިންގައިފަ އެވެ. އަދި އެ މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ ހަތް މީހަކު ހައްޔަރު ކުރައްވައިފަ އެވެ.
"ފުލުހުންގެ ހާއްސަ އޮޕަރޭޝަން މި ފެށީ މާރާމާރީ އާއި ކުށްކުރުން މާލޭގައި އިތުރުވަމުން ދިއުމާ ގުޅިގެން އެކަން ހުއްޓުވުމުގެ ބޭނުމުގައި. މި އޮޕަރޭޝަންގެ ދަށުން މާލޭގެ ހުރިހާ ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވެ، ގަވާއިދާ ހިލާފަށް އުޅޭ މީހުންނާ ސުވާލުކޮށް ފިޔަވަޅު އަޅާނެ،" ހަލީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އޮޕަރޭޝަންގައި 300 ވަރަކަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
"އެހެންވެ މުޅި މާލެ އަޅުގަނޑުމެންނަށް ކަވަރުކުރެވޭނެ. މި އޮޕަރޭޝަން ހަފުތާއެއްވަންދެން މެދު ނުކެނޑި ކުރިއަށް ގެންދާނެ. އޭގެ ފަހުން މާލޭގެ ހާލަތަށް ބަލައިފައި އޮޕަރޭޝަން ކުރިއަށް ގެންދަން ވެއްޖިއްޔާ ހުއްޓާނުލާ ކުރިއަށް ގެންދާނެ. މި އޮޕަރޭޝަން ކޮންމެ ދުވަހަކު ވެސް ހުއްޓާނުލައި ކުރިއަށް ގެންދާނެ،" ހަލީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޭގެ ނިޔަލަށް ޓްރެފިކް ގަވާއިދާ ހިލާފުވެގެން 63 މީހެއްގެ ލައިސަންސް ހިފަހައްޓަވައިފައިވާ ކަމަށާއި އަދި އެހެނިހެން މައްސަލަތަކާ ގުޅިގެން 15 މީހަކަށް ނަސޭހަތްދެއްވައި ދޫކޮށްލައްވައިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ