އިންތިހާބުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި

ލޯކަލް ކައުންސިލް އިންތިޚާބު ދެމަސްދުވަހަށް ފަސްކުރަން، ސިވިލް ކޯޓުން ކުރި ހުކުމް، އިސްތިއުނާފް ކުރަން އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ފޯމު އިސްލާހު ކުރުމަށް ފަހު ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
އެ ކޯޓުން އެ މައްސަލަ ބަލައިގެންފައި ވަނީ އެ މައްސަލައިގެ ލިޔުންތައް އިސްލާހުކުރަން އެ ކޯޓުން އެންގި އެންގުމާ އެއްގޮތަށް އެ ލިޔެ ކިޔުންތައް އިސްލާހުކޮށް އީސީ އިން އަލުން ހުށަހެޅުމުންނެވެ.
ކުރިން އަންނަ މަހުގެ 14 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފައި އޮތް ލޯކަލް ކައުންސިލް އިންތިޚާބު ދެމަސް ދުވަސް ފަސް ކުރަން ސިވިލް ކޯޓުން ޙުކުމް ކުރީ އިންތިޚާބު ފަސްކުރަން ވެރިކަން ކުރާ ޕީޕީއެމް އިން ހުށަހެޅުމުންނެވެ.
ޕީޕީއެމުން ސިވިލްކޯޓަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ އެޕާޓީއަކީ މި ވަގުތު ސީޔާސީ މައިދާނުގައި ޙަރާކާތްތެރިވާ އެންމެ ބޮޑު އަދި އެންމެ ގިނަ ރައްޔިތުން ތަމްސީލުކުރާ ޕާޓީކަމަށްވެފައި ޕާޓި ހިންގުމުގައި ދިމާވި އުދަނގޫތަކެއްގެ ސަބަބުން ކަނޑައެޅިފައިވާ ތާރީޚްގައި އިންތިޚާބު ބޭއްވުމަށް ބޭނުންވާ ތައްޔާރީތައް އެކަށީގެންވާ ގޮތެއްގައި ވެވިފައިނުވާކަމަށެވެ.
ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ބޭއްވުމުން ވާނެ ގެއްލުން، އިލެކްޝަންސް ކޮމިޝަނަށް ވުރެ ބޮޑު ކަމަށާއި، އެގޮތުން ބޮޑު ގެއްލުމެއް ސަލާމަތް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ކަމަށެވެ.
މިހާރު ތިބި އިންތިޚާބީ ކައުންސިލަރުންގެ ދައުރު އަންނަ އަހަރުގެ ފެބްރުއަރީއަށް ހަމަވާއިރު، ކޯޓުގެ ޙުކުމުގައި ބުނެފައި ވަނީ ކައުންސިލް އިންތިޚާބު ބޭއްވެންދެން މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދެމިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ