ފެނަކަ އައްޑޫ ބްރާންޗުގެ ކުރީގެ ވެރިންނާއި އާއިލާ މީހުންނަށް ނުހައްގު މުއްސަދިކަން ލިބިފައިވޭތޯ ތަހުގީގުކުރަނީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އައްޑޫ ސިޓީގައި ހިންގާ ބްރާންޗުތަކުގެ ކުރީގެ އިސްވެރިންނާއި އެ ފަރާތްތަކުގެ އާއިލާގެ މެންބަރުންގެ އެކައުންޓަށް މުސާރައާއި ނުބައްދަލު ފައިސާ ޖަމާވެފައިވޭތޯ ބެލުމަށް ވަކި ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ 2021 އިން 2023 އަށް ފެނަކައިގެ އައްޑޫ ސިޓީ ބްރާންޗުން ހިންގި ޕްރޮޖެކްޓުތަކުގެ ހާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓް ފާސްކޮށްފަ އެވެ. އެ ރިޕޯޓް ފާސްކުރީ މިއަދުގެ މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން މިއަދު ފާސްކުރި ރިޕޯޓުގައި އެފަދަ ތަހުގީގެއް ހިންގަން ފުލުހުންނަށް އަންގަން ނިންމާފައިވަނީ އޮޑިޓް ރިޕޯޓުގައި މަނީ ލޯންޑަރިންއަށް ތުހުމަތު ކުރެވޭ މައްސަލަތައް ހުރި ކަމަށް ފާހަގަކުރެވޭތީ އެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ފެނަކައާ ހަވާލުކުރި ޕްރޮޖެކްޓުތަކުގެ މަސައްކަތް އިން-ހައުސްކޮށް ކުރިއަށް ގެންދިއުމަށް ނިންމުމުގެ ކުރިން އެ ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތަކީ ކޮބައިކަން ނުބަލައި ކުންފުންޏަށް ގެއްލުންވާ ގޮތަށް ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެހެންކަމުން އެ ކަންތައްތައް ކުރިއަށްދިޔައިރު/ ނިންމުންތައް ނިންމިއިރު އޮތް ފެނަކައިގެ ބޯޑް އޮފް ޑިރެކްޓަރުންނާއި އިސްވެރިން އެކަމުގައި ޒިންމާކުރުވުމަށް އަންގައި, އަދި މައްސަލަ ނިމެންދެން މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ފެނަކައަށް އެންގުމަށްވެސް ރިޕޯޓުގައިވެ އެވެ.
އޭގެ އިތުރުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ މުއާމަލާތްތަކުގެ މައްސަލަ އޭސީސީން ތަހުގީގުކުރުމަށް އެ ކޮމިޝަނަށް އެންގުމަށާއި އެ މައްސަލަތަކުގެ އިނީޝިއަލް ފައިންޑިންގްސް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށާއި ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު މަހަކު އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށްވެސް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ