ދިހަ ލަނޑާއި ދެ ހެޓްރިކް ފެނިގެންދިޔަ އެފްއޭ ކަޕްގެ ފައިނަލު މެޗު ވީބީ ސްޕޯޓްސް ކުލަބް އިން ކާމިޔާބު ކޮށްފި އެވެ.
އިތުރު ވަގުތަށް ދެމިގެންދިޔަ ފައިނަލު މެޗު ވީބީ ކާމިޔާބުކުރީ މިމުބާރާތުގެ ފައިނަލަކާ ހަމައަށް އަލަށް ދަތުރުކުރި މާޒީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާ ވާދަކޮށް 6-4 ލަނޑުންނެވެ.
މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ކުރި ހޯދައިފަ އެވެ. މެޗުގެ 11 ވަނަ މިނެޓުގައި ވީބީގެ ގޯލު މާޒިޔާ އަށް ހުޅުވައިދިނީ ފޯވާޑް އަހްމަދު ރަޝީދު (އައްމަޑޭ) އެވެ. މާޒިޔާގެ ލަނޑާ އެކު ވީބީގެ ކުޅުން އިތުރަށް ވަރުގަދަ ކުރިތަން ފެނިގެންދިޔަ އެވެ.
މެޗުގެ 30 ވަނަ މިނެޓުގައި މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ފެނާންޑޯ ދިން ރީތި ބޯޅައަކުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު އުމައިރު އެވެ. އޭގެ ދިހަ މިނެޓް ފަހުން ވީބީގެ ޝަމްވީލް ގާސިމް (ބޮންޑާ) އަށް ލިބުން ރަނުގެ ފުރުސަތު ބޭކާރުވި ތަން ފެނިގެންދިޔަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން މާޒިޔާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަކްރަމް އަބްދުލް ޣަނީ ބޯޅާގައި އަތްލުމުން ވީބީ އަށް ޕެނަލްޓީއެއް ލިބިގެން ދިޔަ އެވެ. މިލަނޑު ޖަހާ މާޒިޔާގެ ގޯލު ވީބީ އަށް ހުޅުވައިދިނީ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
މެޗުގެ 57 ވަނަ މިނެޓުގައި އައްސަދު އަލީ (އަޑުބަރޭ) ވަނީ ވީބީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
އެއްވަރު ކުރުމަށް ފަހު، ވީބީގެ ފަރާތުން ފެނިގެންދިޔައީ ލީޑު ހޯދުމަށް ކުރަމުން ދިޔަ މަސައްކަތެވެ. އެގޮތުން ވީބީ އިން ދިޔައީ މާޒިޔާގެ ޑިފެންޑަރުންނަށާއި ގޯލަށް ބާރުބޮޑު ކުރަމުންނެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ވީބީ އަށް ލީޑު ނަގައިދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ދަގަނޑޭ އެވެ. އޭގެ ހަ މިނެޓް ފަހުން ދަގަނޑޭ ވަނީ ހެޓްރިކް ފުރިހަމަކޮށް ވީބީ އަށް ލީޑު ފުޅާ ކޮށްދީފަ އެވެ.
ފަހަތުން އަރައި ވީބީ އިން ދެ ލަނޑުގެ ލީޑެއް ނެގުމުން މާޒިޔާގެ ހިތްވަރަށް ބަދަލެއް އައިތަނެއް ފެނިފައެއް ނުވެ އެވެ. މާޒިޔާ އިން ދިޔައީ ގޯލެއް ކާމިޔާބު ކުރުމަށް ވީބީ ގޯލަށް ނުރައްކާ ކުރެވޭތޯ ބަލަމުންނެވެ.
މެޗުގެ 81 ވަނަ މިނެޓުގައި އުމައިރު ވަނީ މާޒިޔާ އަށް ދެ ވަނަ ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ހަނިކޮށްފަ އެވެ. އޭގެ މިނެޓެއް ފަހުން ހުސެން ނިޔާޒު (ބޮކުރީ) ނެގި ހުރަހަކުން އުމައިރު ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މެޗުގެ 90 މިނެޓް ހަމަވިއިރު 4-4 ލަނޑުން ދެޓީމު އެއްވަރުވެ އޮތުމުން އިތުރު ވަގުތުގެ ކުޅުމަށް ދާން ޖެހުނެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފު ފަށައިގެން ހަތަރު މިނެޓް ފަހުން ދަގަނޑޭ ހަތަރު ވަނަ ލަނޑެއް ވީބީ އަށް ކާމިޔާބު ކޮށްދީ ވީބީ އަށް އަލުން ލީޑު ނަގައިދިނެވެ. މިމެޗުގައި ދަގަނޑޭ ޖެހި ދެލަނޑާ އެކު މިސީޒަނުގެ ލަނޑު ލިސްޓުގެ އެއްވަނާގައި އޮތް އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ވަނީ ގާތް ކޮށްލާފަ އެވެ. އެއްވަނާގައި އޮތް އޮއްޕޮ އަށް 27 ލަނޑު ކާމިޔާބު ކުރެވުނު އިރު، ދަގަނޑޭ ކާމިޔާބު ކޮށްފައި ވަނީ 25 ލަނޑެވެ.
މެޗުގެ 108 ވަނަ މިނެޓުގައި ޝަމްވީލް ގާސިމް (ބޮންޑާ) ވީބީ އަށް ލީޑު ފުޅާ ކޮށްދިނެވެ. މިލަނޑު ބޮންޑާ ކާމިޔާބުކުރީ ޕެނަލްޓީ އޭރިޔާ ބޭރުން އުފެއްދި ހަމަލާއަކުން ނެވެ. ވީބީ އިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި އަލީ އުމަރު އަށް ލަނޑު ޖަހާނެ ތިން ފުރުސަތެއް ލިބުނެވެ. ނަމަވެސް އަލީ އުމަރުގެ ފަޔަށް ރަނގަޅަށް ބޯޅަ ނޭރުމުގެ ސަބަބުން މިހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެ އެވެ.
މިމެޗު ނިމިގެންދިޔައީ 6-4 ލަނޑުން ވީބީ ކުރީގައި އޮވެގެންނެވެ. މިމެޗުން މޮޅުވުމާ އެކު ވީބީ އަށް ޗެމްޕިއަންކަން ލިބި ތަށި ހިއްލާލި އެވެ. މާޒިޔާ އަށް ރިހި މެޑެލް ދެއްވާ، ވީބީ އަށް ރަން މެޑަލް އާއި އެފްއޭ ކަޕް ހަވާލުކޮށް ދެއްވީ އެފްއޭއެމްގެ ރައީސް އަލީ އާޒިމް އެވެ.
ވީބީ އިން އެފްއޭ ކަޕް ތަށި ހިއްލާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ