މޫސުން ގޯސްވުމުން ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު މޫސުން ގޯސްވުމުން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ދެންމެ ވައިޓް އެލާޓް ނެރެފައި ވަނީ ޅ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރުފަހު 15:00 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އުތުރު އަތޮޅުތަކަށް ވެސް ކެރީގެއަސަރު ފޯރާނެކަމަށް ލަފާކުރެވެއެވެ.
ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަަށް އިރުއުތުރާއި އިރުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ