ޕީޕީއެމްގެ ކޮންގްރެސްއަކީ ސައްހައެއް ނުވާނެ: ޔުމްނާ މައުމޫން

ޕީޕީއެމްގެ ކޮންގްރެސް ކުރިއަށް ގެންގޮސްފައިވަނީ ޕާޓީގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދާއި ޚިލާފަށްކަމަށާ އެހެންކަމުން ޕީޕީއެމްގެ ކޮންގްރެސް ސައްހަ ނުވާނެކަމަށް އެޕާޓީގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް މައުމޫން ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށްވެސް ސިއްރުން ޕީޕީއެމް މިވަގުތު ހިންގަން ތިބި ބޭފުޅުން "ޕީޕީއެމް ޚާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާ"ގެ ނަމުގައި ބޭއްވި ކޮންގްރެސްއާއި ގުޅޭގޮތުން ޔުމްނާ ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ކުރިއަށްދިޔައީ ޕާޓީގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދުގައިވާގޮތައް ގޮފިތަކުން އިންތިޚާބުކުރާ މަންދޫބުން ހިމަނައިގެން ނޫންކަމަށެވެ.
އަދި ޕީޕީއެމްގެ ގައުމީ ޖަލްސާ ބާއްވާފައިވަނީ އެޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމާއި، ޕާޓީގެ މުއައްސިސް އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް، ހުކުމްކޮށް ޖަލުގައި ބަންދުކުރައްވާފައިކަމަށެވެ. އަދި ކޮންގްރެސް އަކީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ބާއްވާފައިވާ ކޮންގްރެސްއެއްކަމަށް ޔުމްނާ މައުމޫން ވިދާޅުވިއެވެ.
ޔުމްނާ މިހެން ވިދާޅުވެފައިވާއިރު، އަވަސް އަރުވާލައިގެން މީޑިއާއަށް ސިއްރުން ޕީޕީއެމުން ބޭއްވި ކޮންްގްރެސްގައި ޕީޕީއެމްގެ ރައީސަކަށް އެޕާޓީގެ މުސްތަޝާރުގެ މާގަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިޚާބުކޮށްފައެވެ. މީގެ އިތުރަށް ނާއިބުރައީސްގެ މަގާމަށް އާޒިމާ ޝަކޫރާއި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވަނީ އިންތިޚާބުކޮށްފައެވެ.
އަދި ކައުންސިލަށް މެންބަރުންވެސް ވަނީ އިންތިޚާބުކޮށްފައެވެ.
ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުމުގެ އިތުރަށް އަސާސީ ގަވާއިދަށް ބަދަލުގެނެސް، ހިންގާ ގަވާއިދަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.
ކޯޓް މެދުވެރިކޮށް ޕީޕީއެމްގެ ހިންގުން އެޕާޓީގެ ރައީސް މައުމޫންގެ ކިބައިން ނިގުޅައިގަތުމަށްފަހު މިއަދާއިހަމައަށް ޕީޕީއެމްގެ ހިންގަމުންދަނީ އެޕާޓީގެ އަސާސީ ގަވާއިދުގައި ޕާޓީގެ ހިންގުމުގައި އެއްވެސް ދައުރެއް ނެތް، ޕާޓީގެ މުސްތަޝާރު ރައީސް އަބުދުﷲ ޔާމީނެވެ. އެމަނިކުފާނުގެ ވެރިކަން ނިމެންކައިރިވެފައިވާއިރު، ވެރިކަމުގައި ނުހުންނަވާނަމަ އެ މަގާމުވެސް އެމަނިކުފާނަށް ގެއްލިވަޑައިގަންނަވާނެއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިވުމާއި ގުޅިގެން އެމަނިކުފާނުގެ އާރާއި ބާރު ގެއްލުމުން، ސިޔާސީގޮތުން ޖަލުގައި ހައްޔަރުކޮށްފައިވާ ބޭފުޅުން ވަނީ މިނިވަންވާން ފަށާފައެވެ. އެހެންކަމުން "ޕީޕީއެމް ޚާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާ"ގެ ނަމުގައި އަވަސް އަރުވާލައިގެން ކޮންގްރެސްއެއް ބާއްވަނީ ޕީޕީއެމްގެ ކޮންޓްރޯލް ހޯދުމަށްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޕީޕީއެމްގެ ހާއްސަ ކޮންގްރެސް ހުއްޓުވައިދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް ޔުމްނާ ވަނީ ހުށައަޅުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ