އިސްލާމްދީނަށް ޖެއްސުންކުރާ ބަޔަކަށް ޖާގައެއް ނެތް: ގާސިމް

އިސްލާމް ދީނަށް ޖެއްސުން ކުރާ ބަޔަކަށް މިގައުމުގައި ނޫޅެވޭނެ ކަމަށާއި އެފަދަ މީހުންނަށް ޖާގަގައެއް ނެތް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީގެ މައި އިދާރާ، ކުނޫޒްގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ކީރިތި ރަސޫލާ އަށާއި މާތްﷲ އަށް ޖެއްސުން ކުރާ ބަޔަކަށް މި ގައުމުގައި ނޫޅެވޭނެ ކަމަށާއި އެމީހުންނަށް މި ފަސްގަނޑުން ޖާގައެއް ނެތް ކަމަށެވެ. "އަބަދާ އަބަދު ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ޖެއްސުންކޮށް މި ގައުމުގައި ނޫޅެވޭނެ. އެމީހުންނަށް މި ފަސްގަނޑަކުން ޖާގައެއް ނުލިބޭނެ،" ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވި އެވެ. އެމްޑީޕީގެ ލީޑާޝިޕަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ގާސިމް ވިދާޅުވީ، ދެތިން މީހަކު ނެރެގެން ވަކި ބަޔަކަށް އަމާޒުކޮށް ފާޑު ކިޔައި ޓްވީޓްކޮށް ހަދާއިރު އެހެން މީހުންނަށް ވެސް އެގޮތަށް ކަންތައް ނުކުރެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. "ދެތިން ހަތަރު މީހުން ނެރިގެން ވަކި ބަޔަކަށް ޓްވީޓްކޮށް، ވަކި ފާޑަކަށް ޖެއްސުންކޮށް ހަދާ އިރު، އެހެން މީހުންނަށް އެކަން ނުވެދާނެ ކަމަށް ހީކުރާ ނަމަ އެއީ ވަރަށް ބޮޑު ގޯހެއް،" ގާސިމް ވިދާޅުވި އެވެ. https://sun.mv/29603 އެބަޔަކަށް އެގޮތަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި އެބަޔަކު ގައުމު ފަސާދަކުރުމަށް ކުރާ މަސަކަތް ހުއްޓަލުމަށް ގާސިމް ގޮވާލެއްވި އެވެ. އަނބުރުގެ ގާނޫނު އެނބުރި އަތުވެތާނެކަމުގެ އިންޒާރު! އިތުރަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ކުށެށް ނެތް މީހަކު ތިމާ ރުޅި އައުމުން އެމީހަކުގެ ހިތަށް އެރި އެއްޗެއް ގޮވައި ނެހެދޭނެ ކަމަށެވެ. އެގޮތަށް މީހުންގެ އަބުރާ ބެހިގެން ނުވާނެ ކަމަށާއި އެއީ އިސްލާމް ދީން ނަހީ ކުރައްވާފައިވާ ކަމެއް ކަމަށާއި އެއީ ޖިނާއީ ކުށެށް ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ، މިހާރު އަބުރާ ބެހުމުގެ ގާނޫނު އުވާލެވިފައިވީ ނަމަވެސް އެ ގާނުނު އަލުން އަނބުރާ ނާންނާނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ. "މިއަދު ރާއްޖޭގެ އަބުރާ ބެހުމުގެ ގާނޫނު މަޖިލިސް އިން އުވާލި ނަމަވެސް މާދަމާ އެކަން ނާންނާނެ ކަމަށް ހީކުރައްވަނީތޯ. ނޫން އެހެން ނުވާނެ. އެކަން ވެސް އަންނާނެ އަންނަންވީ ވަގުތު އައިސް ޖެހުމުން،" މަޖިލީހުގެ ރައީސް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ "މީހެއްގެ އަގީދާ ގޯސްވެފައި އޮތީ ކަމަށް ވެދާނެ. އެއީ މައްސަލައެއް ނޫން. އެކަމަކު އެހެން މީހުންނަށް އުނދަގޫކޮށްގެން ނުވާނެ. އެހެން މީހުންނަށް ދުއްތުރާލަކަށް ވެގެން ނުވާނެ. އެހެން މީހުންގެ އަބުރާއި އިއްޒަތާ ބެހިގެން ނުވާނެ،" ކަމަށެވެ. މީޑީއާތަކަށް ބޮޑު ހުރަހަކަށްވި އަބުރުގެ ގާނޫނު އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ވައުދެކެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ސޯލިހު އެންމެ ފުރަތަމަ ތަސްދީގުކުރެއްވީ އަބުރުގެ ގާނޫނު އުވާލުމުގެ ބިލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ