ކަރެކްޝަން ސާވިސްގެ މެޑިކަލް ބޯޑުން ރައީސް މައުމޫނު އަބްދުލް ގައްޔޫމު ގޭބަންދަށް ބަދަލު ކުރުމަށް ލަފާދީފިއެވެ.
ސީއެންއެމަށް އިތުބާރުހުރި ގޮތަކަށް އެގިފައިވާ ގޮތުގައި ރައީސް މައުމޫނު ގެއަށް ބަދަލުކުރުމަށް ކަރެކްޝަނުގެ މެޑިކަލް ބޯޑުން ކޮމިޝަނާ އޮފް ކަރެކްޝަން ސާވިސްއަށް ލަފާދީފައި ވަނީ އިއްޔެއެވެ. ނަމަވެސް ރައީސް މައުމޫނު ގެއަށް ބަދަލުކުރެއްވުމުގެ ކަންކަން ލަސްވެގެން އުޅޭ ސަބަބެއް ވަނީ ސާފުވާގޮތް ނުވެފައެވެ.
މިކަމާއި ގުޅިގެން ކަރެކްޝަނުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނުވެސް ވިދާޅުވެފައި ވަނީ ރައީސް މައުމޫނު ގޭބަންދަށް ބަދަލު ކުރެއްވުމަށް ކަރެކްޝަނުގެ މެޑިކަލް ބޯޑުން އިއްޔެ ނިންމާފައިވާ ކަމަށެވެ. އަދި ރައީސް މައުމޫނު ގޭބަންދަށް ބަދަލުކުރުން ލަސްކުރަމުންދާތީ އެކަމާއި ކަންބޮޑުވުންވެސް ޔުމްނާ ވަނީ ފާޅުކުރައްވާފައެވެ.
ޕީޕީއެމްގެ ނައިބް ރައީސްގެ މަގާމަށް ވެސް ރައީސް މައުމޫން އައްޔަން ކުރައްވާފައިވާ އާމިނަތު ނާދިރާ މިއަދު ވިދާޅުވީ ރައީސް މައުމޫނާއި، ދަރިކަލުން ފާރިޝް މައުމޫނު ދޫކޮށްނުލާ ހިފަހައްޓަނީ ޕީޕީއެމްގެ ގައުމީ ޖަލްސާ(ކޮންގްރެސް) ނިމެންދެނެވެ.
ނާދިރާވަނީ ހަފުތާ ބަންދުގައި ޕީޕިއެމްގެ ގައުމީ ޖަލްސާ ބާއްވަން މަސައްކަތް ކުރަމުންދާ އިރު، ފެއިލުވެފައިވާ މީހަކަށް ޕާޓީއެއްގެ ލީޑަޝިޕު ހަވާލު ކުރީ ދުނިޔޭގެ ކޮން ގައުމެއްގައިތޯ ސުވާލު ކުރައްވާފައެވެ. އޭގެއިތުރުން މާތްﷲގެ އިރާދަފުޅާއެކު ޕީޕީއެމް ހަލާކު ކުރުމަށް ފުރަތަމަ ފައި ނެގި ދުވަހަށް ރުޖޫއަވާނެ ކަމަށް ވެސް ނާދިރާ ވިދާޅުވެފައިވެއެވެ.
މެޑިކަލް ބޯޑުގެލަފާ: މައުމޫނު ގޭބަންދަށް ބަދަލުކުރޭ! ލަސްވާ ސަބަބެއް ނޭނގޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ