މުލީ އިން ކަރަންޓު ކެނޑިފައި، ރައްޔިތުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުން

މ. މުލީ އިން މިރެއިން ފެށިގެން ކަރަންޓު ކެނޑިފައިވާތީ އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން އެބަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ކަރަންޓު ކެނޑިފައިވަނީ އެރަށު އިންޖީނުގޭގައި ހުންނަ ޖަނަރޭޓަރުތަކަކަށް މައްސަލަ ދިމާވެގެންނެވެ.
މުލީ ކައުންސިލުގެ ރައީސް އިބްރާހީމް ޒަކީ "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެރަށުން ކަރަންޓު ކެނޑިފައިވަނީ މިރޭ 19:20 އިން ފެށިގެންކަމަށެވެ. އެހެންނަމަވެސް، މިދިޔަ ހަފްތާ އިން ފެށިގެން އެރަށުން ވަރަށް ގިނައިން ކަރަންޓު ކެނޑެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
"މިރޭ 7:20 އިން ފެށިގެން ރަށުން ވަނީ ކަރަންޓު ކެނޑިފައި. މިދިޔަ ހަފްތާ އިން ފެށިގެން ރަށުން ދަނީ އެކި ވަގުތުތަކުގައި ކަރަންޓު ކެނޑެމުން." ކައުންސިލްގެ ރައީސް ޒަކީ ވިދާޅުވިއެވެ.
ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވީ އެރަށު އިންޖީނުގޭގައި ހުންނަ ޖުމުލަ ތިން ޖަނަރޭޓަރުކަމަށެވެ. އެއީ، 160 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި، 250 ކިލޯވޯޓުގެ ޖަނަރޭޓަރެއްގެ އިތުރުން 400 ކިލޯވޯޓުގެ ޖަނަރޭޓަރެއްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާރު ބޭނުން ކުރެވޭ ހާލަތުގައި ހުރީ ހަމައެކަނި 250 ކިލޯވޯޓުގެ ޖަނަރޭޓަރުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
250 ކިލޯވޯޓުގެ ޖަނަރޭޓަރަކީ އެރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ އެކަށީގެންވާ ވަރުގެ ޖަނަރޭޓަރަކަށް ނުވާއިރު، ކަރަންޓު ކެނޑެމުންދަނީ އެކަމުގެ ސަބަބުންނެވެ. އަދި މިރޭ މުޅި ރަށުން ކަރަންޓު ކެނޑިފައިވަނީ މި ޖަނަރޭޓަރުގެ އޭވީއާރަށް މައްސަލައެއް ދިމާވުމުންކަމަށް ޒަކީ ވިދާޅުވިއެވެ.
މީގެއިތުރުންވެސް، އޭނާ ވިދާޅުވީ ބެލި ބެލުންތަކުން އެނގުނު ގޮތުގައި ޖަނަރޭޓަރުގައި ހުރީ ހުސް ފެންކަމަށެވެ.
"އަޅުގަނޑުމެންނަށް މިހާރުވަނީ މައްސަލަ އައިޑެންޓިފައި ކުރެވިފައި. އެތެރޭގައި (ޖަނަރޭޓަރުގެ) ހުރީ ހުސް ފެން." ޒަކީ ވިދާޅުވިއެވެ.
މުލީ އިންޖީނުގެ ހިންގަމުންދަނީ ފެނަކަ ކޯޕަރޭޝަން އިންނެވެ. އެހެންނަމަވެސް، އެކުންފުނީގެ ފަރާތުން އެރަށު އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނަ މެނޭޖަރު މިހާރު ހުރީ ޗުއްޓީގައެވެ. އަދި މި ވަގުތު އިންޖީނުގޭގައި މަސައްކަތް ކުރަމުން ދަނީ ވަރަށް ޒުވާން މުވައްޒަފުންތަކެއްކަމަށާއި އިންޖީނުގޭގެ ކަންކަން ބަލަހައްޓަމުން ދަނީ ކައިރީގައި އޮތް މުލަކު އިންޖީނުގޭންކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ޒަކީ އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް ދަތިތަކަކާ ކުރިމަތިވަމުން އަންނަކަމަށާއި އަދި އެކަމުގެ ސަބަބުން ރައްޔިތުން ހިތްހަމަނުޖެހުން ފާޅު ކުރަމުން އަންނަކަމުގައެވެ. އަދި މިކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަން ބޭނުންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ