ބަނޑުހައިހޫނުކަމުގާ ހުންނަތާ 20 ދުވަސް: ހަޅުތާލު ހުއްޓާލުމެއްނެތް

އިންޑިއާގެ މަޝްހޫރު އެކްޓިވިސްޓް އަދި ތަޢުލީމީ ދާއިރާގެ އިސް ބޭފުޅެއް ކަމަށްވާ ސޯނަމް ވަންގްޗުކް، އޭނާ ކުރިއަށްގެންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލުމަށް ގިނަ ބަޔަކު ގޮވާލަމުން ދިޔަ ނަމަވެސް، އެކަމަށް އޭނާ އިންކާރުކޮށްފިއެވެ.
އުމުރުން 59 އަހަރުގެ ވަންގްޗުކް ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނަތާ މިއަދަށް 20 ދުވަސް ވެފައިވާއިރު، އޭނާ ކެއުމުގެ ބަދަލުގައި ބޭނުންކުރަނީ ހަމައެކަނި ލޮނާއި ފެނެވެ. މިކަމުގެ ސަބަބުން އޭނާގެ ބަރުދަނުން 9 ކިލޯއަށްވުރެ ބޮޑަށް ވަނީ ލުއިވެފައެވެ.
"ބޭރުފުށުން އަހަރެން ވަނީ ބަލިކަށިވެފައި، އެކަމަކު އެތެރެހަށިން އަހަރެން މިއީ ވަރަށް ވަރުގަދަ މީހެއް،" ދިއްލީގެ ޖަންތަރް މަންތަރްގައި އެއްވެފައި ތިބި މީހުންނާ މުހާތަބު ކުރަމުން ވަންގްޗުކް ބުންޏެވެ. އޭނާގެ މި ވާހަކަތަކާއެކު އެތަނަށް އެއްވެ ތިބި މީހުން ވަނީ ވަރަށް ބޮޑަށް އަތްޖަހައި ހިތްވަރު ދީފައެވެ.
ވަންގްޗުކް މި ހަޅުތާލު ކުރިއަށްގެންދަނީ ތައުލީމީ ދާއިރާއަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ގޮވާލައި އުފައްދާފައިވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީ.ޖޭ.ޕީ) އަށް ތާއީދުކުރުމުގެ ގޮތުންނެވެ.
ހުކުރު ދުވަހު ސީ.ޖޭ.ޕީގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ވަންގްޗުކް މީހުންނާ ވާހަކަދައްކާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ހުރީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އަދި މައިކުން ވާހަކަދެއްކި ނަމަވެސް އޭނާގެ އަޑު ހުރީ ވަރަށް ބަލިކޮށެވެ.
އަންނަ ހޯމަ ދުވަހު ސީ.ޖޭ.ޕީން ބޭއްވުމަށް ހަމަޖެހިފައިވާ އިހުތިޖާޖުގެ ހިނގާލުމުގައި ބައިވެރިވުމަށް އޭނާ ވަނީ ރައްޔިތުންނަށް ގޮވާލާފައެވެ.
"އަހަރެމެން އެންމެން އެކުގައި ސުލްހަވެރިކަމާއެކު ޕާލަމެންޓާ ހަމައަށް ހިނގާފައި ގޮސް، ޑިމޮކްރަސީގެ ނަމުގައި އަހަރެމެންގެ ޝަކުވާތައް ހުށަހަޅާނަން،" އޭނާ ބުންޏެވެ.
މީގެ އިތުރުން ވަންގްޗުކް ސަމާސާ ރާގަކަށް ބުނީ، އެ ހިނގާލުން ބޭއްވުމުގެ ކުރިން އޭނާ މަރުވި ނަމަވެސް، އޭނާގެ "ފުރާނަ" އެ ހިނގާލުމުގައި ބައިވެރިވާނެ ކަމަށެވެ.
މި މުޒާހަރާގެ ބައިވެރިން އެދެމުންދަނީ އިންޑިއާގެ ތައުލީމީ ވަޒީރު ދަރުމެންދުރަ ޕްރަދާން އިސްތިޢުފާ ދެއްވުމަށެވެ. އެއީ މެޑިކަލް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ބޭއްވި މުހިންމު އިމްތިޙާނެއްގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން، މެއި މަހުގެ ކުރީކޮޅު އެ އިމްތިޙާން ކެންސަލްކުރަން ޖެހުމުންނެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި މިކަމުގެ އަހުލާގީ ޒިންމާ ވަޒީރު އުފުއްލަވައި މަގާމުން ވަކިވާންޖެހެއެވެ.
ނަމަވެސް ވަޒީރު ޕްރަދާން ވަނީ ސީ.ޖޭ.ޕީ އާއި އެ ޕާޓީއަށް ތާއީދުކުރާ މީހުންނަކީ ގައުމު ހަލަބޮލިކުރަން އުޅޭ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މިހާތަނަށް މުޒާހަރާގެ ބައިވެރިންނާ އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް، އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކުން ދަނީ މުޒާހަރާގެ ބައިވެރިންނާ ވާހަކަދެއްކުމަށް ސަރުކާރަށް ބާރުއަޅަމުންނެވެ.
ބުރާސްފަތި ދުވަހު ދިއްލީގެ ކުރީގެ މުދީރު އަދި އާމް އާދްމީ ޕާޓީ (އޭ.އޭ.ޕީ) ގެ ލީޑަރު އަރުވިންދު ކެޖްރިވާލް ވަނީ ވަންގްޗުކްގެ ގާތަށް ޒިޔާރަތްކުރައްވާފައެވެ. ކެޖްރިވާލް ވަނީ ކޮންމެ އަހަރަކުވެސް އިމްތިޙާން ކަރުދާސްތައް ލީކުވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ދަރިވަރުންނާއި ވަންގްޗުކްގެ އަޑު އެހުމަށް ސަރުކާރަށް ގޮވާލާފައެވެ. އޭނާ އިތުރަށް ވިދާޅުވީ ޕްރަދާން މަގާމުން ވަކިކޮށް، އެ މަގާމަށް ވަންގްޗުކް އައްޔަންކުރަން ޖެހޭ ކަމަށެވެ.
ޖައްމޫ އެންޑް ކަޝްމީރުގެ ޗީފް މިނިސްޓަރު އުމަރު އަބްދުއްލާ ވިދާޅުވީ، ސިޔާސީ ކަންކަމުގެ އިތުރުން އިންސާނިއްޔަތުކަމަށްވެސް ޖާގަ އޮންނަންޖެހޭނެ ކަމަށެވެ. އަދި ވަންގްޗުކްގެ ހުށަހެޅުންތަކަކީ "ސައްހަ" ހުށަހެޅުންތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިއްލީގެ ހައިކޯޓުން ވަނީ މި މައްސަލައިގައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަންގާފައެވެ. އަދި ވަންގްޗުކްގެ ސިއްހީ ހާލަތު ގަވާއިދުން ބަލައި، ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ސަރުކާރުގެ ތިން ހޮސްޕިޓަލަކުން ދަނީ ދުވާލަކު ދެ ފަހަރު އޭނާގެ ސިއްހީ ހާލަތު ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ