19 އަހަރުން ދަށުގެ ޗެމްޕިއަންކަން މާޒިޔާއަށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދީ ފައިނަލުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް 1-4 އިން ކުރިހޯދައިގެންނެވެ.
ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި، މޮޅު ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
އެހެންނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް، ހާއްސަ ގޮތެއްގައި މާޒިޔާއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ލަނޑުޖަހަން މާޒިޔާއިން ފުރަތަމަ ހާފުގައި އުފެއްދި ހަމަލާތައް ގޯލަށް ވަނުމަށް ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނިއުރޭޑިއަންޓުގެ ކީޕަރު ޒަހުރާން ޙަސަން ޒިޔާދެވެ.
ދެވަނަ ހާފު ފަށައިގެން ދެ ޓީމުންވެސް އިތުރު ހިތްވަރެއްލައި ލަނޑެއް ޖަހަން މަސައްކަތްކުރަމުންދިޔައިރު މި މަސައްކަތުގައި ކާމިޔާބީ ހޯދީ މާޒިޔާއިންނެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މާޒިޔާގެ ފުރަތަމަ ލަނޑު، މެޗުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އޭދަން އަޙްމަދު މޫސާއެވެ.
މާޒިޔާގެ ލަނޑަށް ފަހުވެސް ނިއުއިން ކުޅުން ވަރުގަދަކޮށް، ހަމަލާތައް އުފައްދަން މަސައްކަތްކުރި ނަމަވެސް، 73 ވަނަ މިނެޓުގައި މާޒިޔާއިން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. ކެޕްޓަން މުޙައްމަދު އިލާން އިމްރާންގެ ހުނަރުވެރިކަން ފެނިގެންދިޔަ މި ލަނޑު އޭނާ ކާމިޔާބުކުރީ އޭރިއާ ތެރެއިން ނިއުރޭޑިއަންޓުގެ ދެ ކުޅުންތެރިއަކު ބީޓުކޮށްލުމަށްފަހު ގޯލަށް ފޮނުވާލި ބޯޅައިންނެވެ. މިއީ މުބާރާތުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ.
މާޒިޔާއިން ލީޑު ފުޅާކުރިތާ މާ ގިނައިރުތަކެއް ނުވެ، އޭރިއާ ތެރެއިން ނިއުގެ މުޙައްމަދު އިޒާންއަށް މާޒިޔާގެ އަލްހާން ފައިސަލް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައި ނިއުއަށް ފަރަގު ކުޑަކޮށްދިނީ އަޙްމަދު ހަމްދާނެވެ.
މާޒިޔާއިން އެ ޓީމުން މެޗުގައި ޖެހި ފަހު ދެލަނޑު ޖެހީ މެޗުގެ އިތުރުވަގުތުގެ ފަހު މިނެޓުގައި އަދި އިތުރު ވަގުތުގެ ތެރޭގައެވެ. 90 ވަނަ މިނެޓުގައި މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނައްސާޙް އިބްރާޙީމް ނާސިރެވެ. އަދި އެ ޓީމުގެ ފަހު ލަނޑު، އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި ޖަހައިދިނީ އަލްޙާން ފައިސަލެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ ނައްސާޙެވެ.
މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން އަދި ރަނަރަޕްކަން ނިއުރޭޑިއަންޓުން ހޯދިއިރު ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ކެޔޮދޫ ރެކްރިއޭޝަން ކުލަބެވެ. ދެން މި މުބާރާތުގައި ވާދަކުރީ އޮޑި ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ