މުލީގައި ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރަން އަންގައިފި

މ.މުލީގައި މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލަތްތައް މަދުން ބޭނުން ކުރުމަށާއި، ކަރަންޓު ބޭނުންކުރަމުންދާ މިންވަރު ވީހާވެސް މަދުކުރުމަށް ފެނަކައިން އަންގައިފިއެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުލި ބްރާންޗްގައި އެ ކުންފުނީގެ ފަރާތުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ޖަނަރޭޓަރުތަކުގެ ތެރެއިން ދެ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެމުން މިހާރު ދަނީ 250 ކިލޯވޯޓްގެ ޖަނަރޭޓަރަކުން ކަމަށެވެ. އެކަމަކު އެޖަނަރޭޓަރަކީ މުޅި ރަށަށް އެއް ފަހަރާއި ކަރަންޓު ދެވޭ ވަރަށް ވުރެ ކުޑަ ޖަނަރޭޓަރެއް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
އަދި މައްސަލަ ދިމާވެފައިވާ ދެ ޖަނަރޭޓަރުގެ މަރާމާތުގެ މަސައްކަތް ނިންމާ އާންމު ހާލަތަށް ގެނެވެންދެން ރަށުގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުންދާނެ ކަމަށް ފެނަކައިން ހާމަކުރެއެވެ.
ޖަނަރޭޓަރުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކަރަންޓަށް ދިމާވެފައިވާ މައްސަލަ އާއްމު ހާލަތަކަށް ގެނެވެންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލަތްތައް ވީހާވެސް މަދުން ބޭނުން ކުރުމަށާއި، ކަރަންޓު ބޭނުންކުރަމުންދާ މިންވަރު ވީހާވެސް މަދުކުރުން ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.
ފެނަކައިން ވަނީ މިކަމާ ގުޅިގެން ދިމާވެދާނެ އެންމެހާ ދަތިތަކަށް އެ ރަށު ރައްޔިތުން އަރިހުން މައާފަށް އެދި، މުލީގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާއި އެއްބާރުލުމާއި ކެތްތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ