ޝަރުއީ ދާއިރާގެ އެއްވެސް ކަމެއްގައި ރާއްޖެޓީވީއަށް ފުރުސަތު ނުދިނުމަށް ނިންމައިފި

ޝަރުއީ އެއްވެސް ކޯޓެއްގެ ޝަރީއަތުގެ އަޑުއެހުންތަކާއި، ޝަރުއީ ދާއިރާގެ ހަރަކާތްތައް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީ އަށް ނުދިނުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޓުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމްގައި، ޝަރުއީ ކޯޓުތަކާއި ފަނޑިޔާރުންގެ، އަދި ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭ އަދި މުޅި ޝަރުއީ ދާއިރާގެ ކަރާމާތާއި ގަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި ރާއްޖެ ޓީވީގެ މި އަމަލަކީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދު ގެ 4 ވަނަ މާއްދާގެ (ހ) ގެ 1، 8، 15 އަދި 16 ވަނަ ނަންބަރާ ހިލާފު އަމަލެއްކަމަށް ވާތީ، އެ މައްސަލަ ބަލައި ތަހުގީގުކޮށް މި މައްސަލައިގައި އިތުރު ގޮތެއް ކަނޑައަޅަންދެން، ޝަރުއީ އެއްވެސް ކޯޓެއްގެ ޝަރީއަތުގެ އަޑުއެހުންތަކާއި، ޝަރުއީ ދާއިރާއިން އިންތިޒާމްކުރާ އެއްވެސް ހަރަކާތެއް ކަވަރު ކުރުމުގެ ފުރުސަތު ރާއްޖެ ޓީވީ އަށް ނުދިނުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ