މަޖިލީހުގެ މެންބަރުންނަކީ ޕާޓީއެއްގެ އަޅުންނެއް ނޫން: ޑރ.ޝަހީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ޕާޓީއެއްގެ އަޅުން ނޫން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ނަމަވެސް، މަޖިލީހުގައި އިނދެވޭނީ މުޅި ދާއިރާ ތަމްސީލުކުރުމަށް ކަމަށެވެ. އަދި މެންބަރުންނަކީ ގައުމުގެ ޚާދިމުން ކަމަށާއި، މެންބަރުންނަކީ ޕާޓީއެއްގެ އަޅުން ނޫން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވި އިރު، މަޖިލީހުގެ ބައެއް ދާއިރާތަކުގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ދިނުމަށް ކޯލިޝަނުން ކުރިން މަޝްވަރާކޮށްފައިވާ ކަމަށް ވެއެވެ.
އަދި މަޖިލީހުގެ 12 މެންބަރަކާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައި އެބޭފުޅުންނަށް ޓިކެޓް ދޭނެ ކަމުގެ ޔަގީންކަން ދެއްވި ފަހުން، ކުރީގެ ރައީސް މައުމޫންވެސް ވަނީ އެކަމަށް ތާއީދުކުރައްވައިފައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޓިކެޓް ދޭނީ ޕްރައިމަރީއަކުން ކަމަށެވެ.
12 މެންބަރުންނަށް ޓިކެޓް ދިނުމަށް ނިންމުމާއެކު ބައެއް މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ވަނީ އުފެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ