ތެލުގެ އަގު ބޮޑުވިޔަސް ކަރަންޓު ހިދުމަތުގެ އަގު ބޮޑެއް ނުކުރާނެ: ސްޓެލްކޯ

ރަޝިއާއިން ޔޫކްރެއިނަށް އަރައި، ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ކަރަންޓު ހިދުމަތުގެ އަގު ބޮޑެއް ނުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯ މެނޭޖިން ޑިރެކްޓަރަކަށް ދާދިފަހުން އައްޔަންކުރި ޝަރީފު މިއަދު ވިދާޅުވީ ތެލުގެ އަގު ބޮޑުވި ނަމަވެސް، ފްލެޓް ރޭޓެއްގައި ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންކަމުން ސްޓެލްކޯއިން ދޭ ކަރަންޓު ހިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ، އެސްޓީއޯގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 14 ރުފިޔާ 60 ލާރިއަށެވެ. ޑީސަލް ލީޓަރެއް އުޅެނީ 14 ރުފިޔާ 80 ލާރިއަށެވެ.
މިއީ ޕެޓްރޯލް ލީޓަރަކުން ދެ ރުފިޔާ 54 ލާރި އަދި ޑީސަލް ލީޓަރަކުން ދެ ރުފިޔާ 36 ލާރީގެ ބޮޑުވުމެކެވެ.
ކުރިން ޕެޓްރޯލް ލީޓަރެއް 12 ރުފިޔާ ހަ ލާރިއަށް ވިއްކި އިރު، ޑީސަލް ލީޓަރެއް 12 ރުފިޔާ 44 ލާރިއަށް ވިއްކި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ