ކޮމަންޑޫ ދާއިރާގެ ތިން ކެންޑިޑޭޓުން ވެސް ވޯޓުލައިފި

މިއަދު ކުރިޔައަށްދާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ 3 ކެންޑިޑޭޓުން ވެސް ވޯޓުލައިފިއެވެ.
މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުހައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދާމެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.
މިތިން ބޭފުޅުންވެސް މިއަދު މެންދުރު ކުރީގައި ވަނީ ވޯޓު ލައްވާފައެވެ. ތިން ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ކެނޑިޑޭޓް ވޯޓު ލެއްވީ އޭނާގެ އުފަން ރަށް ފޯކައިދޫގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ. ޕީޕީއެމްއާއި، އެމްއެންޕީގެ ކެންޑިޑޭޓަކީ ކޮމަންޑޫއަށް ނިސްބަތްވާ ދެބޭފުޅުންނަށް ވުމުން އެދެބޭފުޅުން ވޯޓުލާފައިވަނީ ކޮމަންޑޫގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ.
ކޮމަންޑޫ ދާއިރާގެ 3 ރަށުގެ އިތުރުން މާލޭގައި ވޯޓުލުން ކުރިއަށްދެއެވެ. ޖުމްލަ 7 ފޮށްޓެއް ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައިވެއެވެ. މާލޭގައި 2 ފޮށި، ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި އަދި މަރޮށީގައި ވަނީ ފޮށްޓެއް ބަހައްޓާފައެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުންނެވެ.
މި އިންތިޚާބައި ގުޅިގެން ޕީޕީއެމުން މިހާތަނަށް 4 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އަދި ބައި-އިލެކްޝަންގައި ވޯޓުލުން އޮންނާނީ ހެނދުނު 8 އިން ހަވީރު 4 އަށެވެ. މެންދުރުފަހު 3:00 އިން 4:00 ޚާއްސަ ކޮށްފައިވަނީ ކޮވިޑްގެ މީހުންނަށެވެ.
4:00 ގައި ކިޔޫގައި ބަޔަކު ތިބިނަމަ އެބަޔަކު ވޯޓުލާ ނިމެންދެން ވޯޓުލުން ކުރިއަށްދާނެ ކަމަށާއި، ވޯޓުލާ ނިމޭތާ ބައިގަޑިއިރު ފަހުން ވޯޓު ގުނަން ފަށާނެ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ