ދަރުމަވަންތަ ސްކޫލް ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ދަރުމަވަންތަ ސްކޫލްގެ ދަރިވަރަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު 12:55 ގައި މާރާމާރީއެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މާރާމާރީ ހިންގާފައިވަނީ ލިލީމަގުގައި ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ. އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ 14 އަހަރުގެ ކުއްޖަކު އެ ހޮސްޕިޓަލަށް ގެނެސް ފަރުދާ ދެމުންދާ ކަމަށެވެ. ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ ދަރުމަވަންތަ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރެކެވެ. އަދި އެ ކުއްޖާއަށް ހަމަލާދީފައިވަނީ ލީލީ މަގުގައި ހުރި ގޯޅިއެއް ތެރެއަށް ވެއްދުމަށްފަހު ކަމަށް ހާދިސާގެ މައުލޫމާތު އެނގޭ ފަރާތަކުން ކިޔައިދިނެވެ. ޒަހަމްވި ކުއްޖާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރަސްރަނި ބަގީޗާ ކައިރީގައި ހުއްޓައި އާންމުންގެ މީހެކެވެ. އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ފަރާތުން ސަންއަށް ބުނީ ސައިކަލުގައި ގޮވައިގެން ދިޔައިރު ވެސް ގިނަ އަދަދެއްގެ ލޭ ފައިބަމުންދިޔަ ކަމަށާއި، ބެލެވޭ ގޮތުގައި ހަމަލާދީފައިހުރީ ކަނާތްފަރާތު އަރިކައްޓާ ދިމާލުން ކަމަށެވެ. އިއްޔެ ވެސް ވަނީ ސްކޫލް ކުއްޖަކަށް ހަމަލާދީ ޒަހަމްކޮށްލައިފައެވެ. ތާޖުއްދީން ސްކޫލް ތެރެއަށް ވަދެ ބަޔަކު ވަނީ ގްރޭޑް ދިހައެއްގައި ކިޔަވަމުންދިޔަ ދަރިވަރަކަށް ހަމަލާދީ ޒަހަމްކޮށްލައިފައެވެ. އެ މާރާމާރީ ހިންގި މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އަނިޔާވި ކުއްޖާއަށް ވަނީ އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ