މެމްބަރު މުސްތަފާއަށް ރަށެއް ދިން މައްސަލާގައި އަދީބުއާއި ސުވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ތ އަތޮޅުން ފަޅުރަށެއް ދިން މައްސަލާގައި، ކުރީގެ ނައިބު ރައީީސް އަހުމަދު އަދީބުއާ ފުލުހުން ސުވާލުކޮށްފިއެވެ.
އަދީބިއާ ފުލުހުން ސުވާލުކުރީ ޕީޕީއެމްގެ މެމްބަރު މުސްތަފާގެ މަސްލަހަތު އޮންނަ ސީވޯލް އެންޓަޕްރައިޒަސް އަށް ތ. އެކުރުއްފުށި ކިޔާ ފަޅުރަށެއް ދިން މައްސަލައިގައެވެ.
އެރަށް 300،000 ޑޮލަރަށް ދީފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.
އަދީބުގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަތަކުގެ އަދަދު މިހާރު ވަނީ 40 އަށްވުރެ މައްޗަށް އަރާފައެވެ. އަދީބުގެ މައްޗަށް ދައުވާ ކުރަން އެންމެފަހުން ފުލުހުން ޕީޖީއަށް މައްސަލަ ފޮނުވީ އިއްޔެއެވެ. އެއީ 25 މައްސަލައެވެ. އަދީބުގެ މައްޗަށް ދައުވާކުރަން ފުލުހުން ފޮނުވި މައްސަލަތަކުގެ ތެރޭގައި އެކުރުއްފުށި، މުސްތަފާގެ ކުންފުންޏަކަށް ދިން މައްސަލަވެސް ހިމެނެއެވެ.
މިދިޔަ މަހުވެސް ފުލުހުން ވަނީ 17 ރަށެއްގެ މައްސަލާގައި އަދީބުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވާފައެވެ. އެއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަޅުތަކާއި ރަށްތަކެއް އެކި ފަރާތްތަކަށް ދޫކޮށް، އެކަމުން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ މައްސަލައެވެ.
އޭގެ އިތުރުން ނަސަންދުރަ ޕެލަސް ހޮޓަލްވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ގެ ހިއްސާ އޮންނަ ކިނަމް ހޮލްޑިންގްސް އަށް ދިން މައްސަލާގައި އަދީބުގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ