ދީނުގެ ޢިލްމުވެރިންނަކީ ދުލުގެ ޢިއްފަތްތެރިކަމަށް އިސްކަން ދެއްވާނެ ބައެއް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިފަދައިން ވިދާޅުވެފައިވަނީ މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދުކުރުމަކީ މިހާރު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ޙާލަތު އޮތް ގޮތުން ކުރަންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވުމުން ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން އެމަނިކުފާނަށް ފާޑުވިދާޅުވުން އަމާޒުކޮށްފައިވަނިކޮށެވެ.
އެގޮތުން ޤައުމީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވާ، މި ސަރުކާރުގެ ސިޔާސަތުތައް އެންމެ ބޮޑަށް ދިފާޢުކުރައްވާ އެއް ޢިލްމުވެރިޔާ ޑރ.ޢިޔާޟް ޢަބްދުއްލަޠީފުވަނީ މިސްކިތަށް ނަމާދަށް ނުދާ މީހުންނަށް މިސްކިތާ ގުޅޭ ގޮތުން ވާހަކަނުދެއްކޭނެ ކަމުގައި ވިދާޅުވެ ރައީސް މައުމޫނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.
ރައީސް މައުމޫނު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދީނީ ޢިލްމުވެރިން ދުލުގެ އިއްފަތްތެރިކަމަށް އިސްކަންދެއްވާނެ ކަމަށާއި، އެ ބޭފުޅުން ވާހަކަދައްކަވާނީ ހިކުމަތްތެރިކަމާއެކުގައި ކަމަށެވެ.
ގައިދުރުކޮށްގެން ނަމާދުކުރުމަކީ މި ޙާލަތަށް ބަލައި ޟަރޫރަތުގެ ދަށުން ކުރެވިދާނެ ކަމެއް ކަމަށް ސަޢޫދީ ޢަރަބިއްޔާ، މިޞްރު ސޫރިޔާ އަދި އެ ނޫންވެސް ގިނަ ޤައުމުތަކެއްގެ ޢިލްމުވެރިން ފަތުވާދެއްވާފައިވެއެވެ.
ދީނުގެ ޢިލްމުވެރިން ދުލުގެ އިއްފަތްތެރިކަމަށް އިސްކަންދެއްވާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ