ވެކްސިން: ދެވަނަޑޯޒް ޖެހި މީހުންގެ އަދަދު 62،586 އަށް އަރައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 62،000 އިން މައްޗަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 287،171 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، މީގެތެރެއިން 62،586 މޫހަކު ވަނީ އެއްވަނަ ޑޯޒް ޖަހާފައެވެ.
މިހާރު ރާއްޖޭގައި ޖަހަނީ ސޮނިފަރމް، އަދި ކޮވިޝީލްޑް ވެކްސިންއެވެ.
ސިނޮފަރމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަނީ، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ.
ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވެކްސިން ޖަހައިދޭނެ ކަމަށާއި، ރޭގަނޑު 20:30 އިން 23:00 އަށް ވެކްސިން ޖެހުން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ބުނީ ހެނދުނު ވަގުތުގައި ވެކްސިން ޖަހައިދޭނީ ރޯދައަށް ނުހުންނަ މީހުންނަށް އެކަނި ކަމަށެވެ.
މާލޭގައި ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ސިނޮފަރމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދެނީ ރޭގަނޑު 21:00 އިން 23:00 އަށެވެ.
ސިނޮފަރމް ވެކްސިންގެ ފުރަތަމަ ޑޯޒްވެސް މި ވަގުތުތަކުގައި ޖަހައިދެމުންދާނެ ކަމަށާއި، ވެކްސިން ޖަހައިދޭނީ 18 އަހަރާއި، 60 އަހަރާ ދެމެދު މީހުންގެ ތެރެއިން ވެކްސިން ޖަހާފައިނުވާ މީހުންނަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އަދި ސިނޮފަރމް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭނީ ވެކްސިން ޖެހި ފަހުން 4 ހަފްތާ ފާއިތުވެފައިވާ މީހުންނަށް ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒްވެސް މާލެ ސަރަހައްދުގައި ޖަހަމުންދާއިރު، މާލެ ސަރަހައްދުން ކޮވިޝީލްޑް ވެކްސިން ޖަހަމުންގެންދަނީ ސޯޝަލް ސެންޓަރ، ނޭޝަނަލް އާޓް ގެލެރީ، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު، ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނަހިޔާއިންނެވެ.
މިހުރިހާ މަރުކަޒުތަކުންވެސް ވެކްސިން ޖަހައިދެމުންދަނީ ރޭގަނޑު 21:00 އިން 23:45 އަށެވެ. ވެކްސިން ޖަހައިދޭ މަރުކަޒުތައް ހުޅުވާފައި ހުންނަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ