މެމްބަރު އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭގަ އެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި، އީސަގެ ފަރާތުން އަނިޔާލިބިގެން އަނބިކަނބަލުން އަސްރާ ނަސީމް ވަނީ ރޭ އައިޖީއެމްއެޗް އިން ފަރުވާ ވެސް ހޯއްދަވައިފަ އެވެ. އަސްރާ އަކީ ނައިބުރައީސް ފައިސަަލް ނަސީމްގެ ކޮއްކޯފުޅެވެ. ރޭ އަސްރާ ދިރިއުޅުއްވާ އީސަގެ ގޭގައި ހިނގި ދެބަސްވުމެއްގައި އީސަ، އަސްރާ ގައިގައި ޖެހިކަމަށް މައުލޫމާތު ލިބެ އެވެ. އަދި އަސްރާ ރޮމުން ނުކުތް މަންޒަރުވެސް ބަޔަކަށް ފެނިފައިވެ އެވެ. އަދި އަސްރާއަށް އަނިޔާވެފައިވާ ކަމަށް އަވަށްޓެރިޔަކާ ހަވާލާދީ ބައެއް ނޫސްތަކުން ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ. އީސަ ޖެހިކަމަށް އަސްރާ ވިދާޅުވި ނަމަވެސް، އީސަގެ ފަރާތުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. މައްސަލައާ ގުޅިގެން ސުވާލުކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ތަހުގީގުގައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ތުހުމަތުވާ މީހެއްގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ