ފަހަތުން އަރާ ޓީސީގެ މައްޗަށް ކުރި ހޯދާ ކޮލިފިކޭޝަންގެ ފުރަތަމަ މެޗު ބީޖީން ކާމިޔާބުކޮށްފި

ދިރާގު ދިވެހި ލީގަށް ކޮލިފައިވުމަށް ކުޅޭ ކޮލިފިކޭޝަންގެ ފުރަތަމަ މެޗު ޓީސީ ސްޕޯޓްސްއާ ބައްދަލުކޮށް 2-3 ގެ ނަތީޖާއަކުން ބީޖީ ސްޕޯޓްސް ކާމިޔާބުކޮށްފި އެވެ.
މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ޓީސީންނެވެ. މެޗުގެ 50 ވަނަ ސިކުންތުގައި މި ގޯލް ޓީސީއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިއާ ފައިސަލް މުސްތަފާ އެވެ. މި ގޯލަށްފަހު ވެސް ރަނގަޅަށް ކުޅެމުން އައި ޓީސީން ވަނީ މެޗުގެ 16 ވަނަ މިނެޓްގައި އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްފަ އެވެ.
ޓީސީގެ ނިޒާރު ބޮލުން ދިން ބޯޅައަކުން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން ފައިސަލް މުސްތަފާ އެވެ.
ނަމަވެސް މި ގޯލްޖެހިތާ މާގިނަ އިރުތަކެއް ނުވެ ބީޖީގެ އާދަމް ފަޒީހު (ފަދިއްކޮ) ވަނީ އެޓީމަށް މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކުރަން ބީޖީން މަސައްކަތްކުރި ނަމަވެސް އެޓީމުން ކުރިއަށް ފޮނުވާލި ހަމަލާތަށް ޓީސީގެ ކީޕަރު ތޮލާލް ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ޓީސީން ވަނީ ރަނގަޅަށް ކުޅެ ބީޖީގެ ގޯލަށް ކައިރިކައިރީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް މި ހަމަލާތަށް ބީޖީގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކީ ދިފާއުކޮށްފަ އެވެ.
މެޗުގެ 66 ވަނަ މިނެޓްގައި ބީޖީން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ފަދިއްކޮ ދިން ޕާހަކުން މި ގޯލް ބީޖީއަށް ކާމިޔާބުކޮށްދިނީ މުހައްމަދު އައްޒާމް އެވެ. އަދި އޭގެ ތިން މިނެޓްފަހުން އަޓަޕާ ދިން ބޯޅައަކުން ބީޖީގެ އިމްރާހިމް ހަމްދާން ވަނީ ބީޖީއަށް މެޗުގެ ލީޑުނަގާދީފަ އެވެ
މެޗުގެ 82 ވަނަ މިނެޓްގައި ޓީސީގެ ޒާދުއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ކުރިއަށް ފޮނުވާލި ބޯޅަ ބީޖީގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ ފަހު މިނެޓްގައި ޓީސީގެ ކުޅުންތެރިއަކަށް ކުރި ފައުލާ ގުޅިގެން ރެފްރީ ވަނީ ބީޖީގެ ކެޕްޓަން ވިސާމްއަށް ދެވަނަ ރީދޫކާޑާއެކީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ކޮލިފިކޭޝަންގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އޭވައިއެލް އާއި ޔުނައިޓެޑް ވިކްޓްރީ އެވެ.
ކޮލިފިކޭޝަންގައި ޖުމްލަ 4 ޓީމު ވާދަކުރާއިރު ދިރާގު ދިވެހި ލީގަށް ކޮލިފައިވާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ