ވެސްޓްޕާކް ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މއ، ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލަގައި ކުށް ސާބިތުވެ، ހައިކޯޓުން މަރަން ހުކުމްކުރި މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފި އެވެ.
އޭޕްރީލް 2012 ގައި ޝިފާނަށް ހަމަލާދީ މަރާލި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރި ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ހުކުމް ކުރުމުން އޭގެ ތެރެއިން ތިން މީހެއްގެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފުކުރީ ޝައިފަންގެ އިތުރުން މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްސަލަ އެވެ.
އެ މައްސަލާގެ ހުކުމް ހައިކޯޓުން ކޮށްފައިވާއިރު އެ ކޯޓުން ނިންމީ، ޝިފާން މަރާލިކަމުގެ ކުށް ޝައިފާންގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާ ކަމަށެވެ. ކްރިމިނަލް ކޯޓުން ޝައިފަންގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކުރީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ޝައިފަންގެ މައްޗަށް އިއްވި މަރުގެ ހުކުމަކީ ހައިކޯޓުން އިއްވި ފުރަތަމަ މަރުގެ ހުކުމެވެ.
ޝައިފަން އިލްތިމާސްކުރި މައްސަލަ ބަލައިގަތް މިހާރު ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި ވަނީ ތާވަލުކޮށްފަ އެވެ. އެގޮތުން އެ މައްސަލަ އޮތީ މި މަހުގެ 22 ވަނަ ދުވަހަށެވެ.
މައްސަލަ ބައްލަވާނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
ހައިކޯޓުން މަރަން ހުކުމްކުރި ޝައިފާން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ