ރިޔާޒަށް ކިނބިދޫ ދާއިރާގެ ޓިކެޓު ދިނީ އުސޫލާ ޚިލާފަށް ކަމަށް ޖޭޕީގެ ބައެއް ކައުންސިލް މެމްބަރުން ވިދާޅުވެއްޖެ

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓު ދީފައި ވަނީ ޕާޓީގެ ކައުންސިލްގެ ނިންމުމާ ޚިލާފަށް ކަމަށް އެ ޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ލީގަލް ސެކްރެޓަރީ މުހައްމަދު ހަލީމް ވިދާޅުވީ މިހާރު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައުގަންނަވާ މެމްބަރުންނަށް ވެސް ޓިކެޓުދީފައި ވަނީ ކައުންސިލުން ފާސްކޮށްގެން ކަމަށެވެ.
ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ނިސްބަތްވާ ދާއިރާތައް ފިޔަވައި އެހެންދާއިރާތަކަށް ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވަންޖެހޭނީ އެކަމަށްޓަކައި އިއުލާންކޮށް އެ އިއުލާނާ ގުޅިގެން ކުރިމަތިލައްވާ ފަރާތްތަކަށް ޚާއްސަ ކޮމެޓީއަކުން ޕޮއިންޓު ދިނުމަށްފަހު ކައުންސިލުން ފާސްކުރާގޮތެއްގެމަތިން ކަމަށް ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ އެ އުސޫލަކީ އެ ޕާޓީގެ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލެއް ކަމަށާއި އެ ޕާޓީގެ ޓިކެޓުގައި މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލެއްވުމަށް ހުޅުވާލި ފުރުސަތު ހަމަވެފައި ވަނީ މިއަދު ހަވީރު 4:00 ގައި ކަމަށެވެ. އެހެންކަމުން އޭގެކުރިން ކައުންސިލްގެ އެއްވެސް ބަހެއްނެތި އަބްދުﷲ ރިޔާޒަށް ކިނބިދޫ ދާއިރާގެ ޓިކެޓު ހަވާލުކުރި ކުރުމަކީ ކައުންސިލްގެ ނިންމުމާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ބެހޭގޮތުން އެ ޕާޓީގެ ސްޕޯކްސް ޕާސަން ޑރ. ހުސައިން ރަޝީދު ހަސަން އަމިއްލަފުޅު ހައިސިއްޔަތުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރަންޖެހޭ 19 ދާއިރާއަކަށް ކުރިމަތިލުމަށް އެ ޕާޓީން އިއުލާންކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ އިއުލާނާއެއްގޮތަށް މިއަދު ހަވީރުގެ ވަގުތެއްގައި ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކޮށް އަމިއްލަފުޅަށް ޕާޓީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ޕާޓީގެ ކައުންސިލުން ވަކިގޮތަކަށް ފާސްކޮށް އިއުލާން ކޮށްފައި ވަނިކޮށް، އަބްދުﷲ ރިޔާޒަށް ކިނބިދޫ ދާއިރާގެ ޓިކެޓު ދީފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓު ކުރިނަމަވެސް އެކަން ގަބޫލުނުކުރައްވާނެ ކަމަށް ޑރ. ހުސައިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ