ޕާސްޕޯޓް ކާޑުން ފައިސާ ނެގޭނެ ގޮތް ހަދަނީ

މޯލްޑިވްސް އިމިގްރޭޝަނުން ތައްޔާރުކުރާ ޕާސްޕޯޓް ކާޑުން ފައިސާ ނެގޭނެ ގޮތް ހެދުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއުގެ ޕަރޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ.
މިއަދު އިމިގްރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި އިމިގްރޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަންވަރުއެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އެންޑްރޫ ހީލީއެވެ.
މި ރަސްމިއްޔާތުގައި ވާހަދަކައްކަވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު ވިދާޅުވީ އަލަށް ތއާރަފްކުރެވުނު އީ.ޕާސްޕޯޓް ލޯންޗްކުރުމަށް ބޭއްްވުނު ރަސްމިއްޔާތަށްފަހު، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެއްގައި ބޭނުންކުރަމުންދާ ޕާސްޕޯޓް ކާރޑް ތައާރަފްކުރުމުގެ މުހިންމުކަން ރައީސް ޔާމީން ފާހަގަކުރައްވާ މޯލްޑިވްސް އިިމިގްރޭޝަނުން އެފަދަ ކާޑެއް ތައްޔާރުކުރެއްވުމަށް އެދިވަޑައިގެންފައިވާކަމަށެވެ.
އެގޮތުން މި ކާރޑުގައި ފައިސާ ދެއްްކޭނެ ފެސިލިޓީ ގާއިމްކުރުމީ މި ކާރޑުން ލިބިދޭނެ ގިނަ ހިދުމަތްތަކުގެ ތެރެއިން އެއް ހިދުމަތެވެ.
ޕާސްޕޯޓު ކާޑުގެ ބޭނުމަކީ އާއްމު ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ވަސީލަތެއް ފޯރުކޮށްދިނުމެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުކޮށް އުޅުމުގައި ވިޔަފާރީގެ މުއާމަލާތްތަކަށް ފައިސާ ދެއްކުމާއި، އޭޓީމްއެމް އިން ފައިސާ ނެގުމުގެ އިންތިޒާމް ހަމަޖެއްސައި ދިނުމާއި، ޕާސްޕޯޓްގެ ބަދަލުގައި ގެންގުޅޭނެ ރަސްމީ ލިޔުމެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ތަފާތު ކަންކަމުގައި ބެނުން ކުރެވޭނެ ވަސީލަތެއްގެ ގޮތުގައި މި ކާޑު ބޭނުންކުރެވޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލް މާކެޓިން ޑިރެކްޓާ މުޙައްމަދު ޝަރީފު ވިދާޅުވީ އާ ޚިދުމަތްތައް ތައާރަފު ކުރުމުގެ އެންމެ ކުރީ ސަފުގައި ބީއެމްއެލް އަބަދުވެސް ހިމެނޭކަމަށާއި، އެހެންކަމުން މޯލްޑިވްސް އިމިގްރޭޝަނާއެކު ޕާޓްނާޝިޕް އެގްރީމަންޓުގައި ސޮއިކޮށް ޕާސްޕޯޓު ކާޑު ޕުރޮޖެކްޓުގައި ބައިވެރިވުމީ ބީއެމްއެލް އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެ ކާޑުން ދޭ ޚިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން އާއްމު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރެވިފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އެހެންކަމުން އެ ފަރާތްތަކާ އެކުގައި ޕާޓްނަޝިޕް އެގްރީމަންޓުގައި ވަރަށް އަވަހަށް ސޮއިކޮށް އެ ކާޑު ކައިރި މުސްތަގުބަލެއްގައި ތައާރަފު ކުރެވިގެންދާނެކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ