ސުޕްރީމް ކޯޓުގެ ގައިޑްލައިންގެ ސަބަބުން އެއްވެސް ހުރަހެއް ނެތް – އެޗްއާރްސީއެމް

ސުޕްރީމް ކޯޓުން އެކުލަވާލެއްވި ގައިޑްލައިންގެ ސަބަބުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ހުރަހެއް ކުރިމަތިވެފައި ނުވާކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެޗްއާރްސީއެމް އިން މިހެން ވިދާޅުވީ އެ ކޮމިޝަންގެ ކުރީގެ ނައިބް ރައީސް އަހުމަދު ތޮލާލް އާއި އި އެ ކޮމިޝަންގެ ކުރީގެ މެމްބަރު ޖީހާން މަހްމޫދު އދ. ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައެޅުއްވި މައްސަލައާއި ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ.
ތޮލާލު އާއި ޖީހާން އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގެ ސްޕްރީމް ކޯޓުން މިދިޔަ އަހަރުގެ ޖޫން މަހު ނެރުއްވި ގައިޑް ލައިންގެ ސަބަބުން ރާއްޖޭގެ އިންސާނީ ހައްޤުތަކާއި ގުޅޭ މަޢުލޫމާތުތައް ބޭރުގެ ފަރާތަކަށް ދިނުމަށް އެޗްއާރުސީއެމް ނުކުޅެދިފައިވާ ކަމަށެވެ. އަދި މަޢުލޫމާތު ހިއްސާކުރުމުން ފިޔަވަޅު އަޅާކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
އެދެބޭފުޅުންގެ ތުހުމަތުތައް ދޮގުކޮށް އެޗްއާރިސީއެމުން ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓްގެ ގައިޑް ލައިންގެ ސަބަބުން ކޮމިޝަންގެ މަސައްކަތްތަކަށް ދަތިތަކެއް ދިމާވީ އޭރުގެ ކޮމިޝަނުން އެ ގައިޑްލައިން ވަކިގޮތަކަށް މާނަކުރެއްވުމުން ކަމަށެވެ.
ސުޕްރީމް ކޯޓްގެ 11 ނުކުތާގެ ގައިޑްލައިން މާނަކުރުމަށް މިއަހަރުގެ މެދުތެރޭ އުއްތަމަ ފަނޑިޔާރާއި އެކު އެކޮމިޝަނުން ބައްދަލުވުމެއް ބޭއްވެވިކަމަށާއި އަދި މި ބައްދަލުވުމަށްފަހު ސްޕްރީމް ކޯޓްގެ ގައިޑް ލައިންގެ ސަބަބުން ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާ ކުރުމަށާއި މިނިވަންކަމާ މުސްތަޤިއްލުކަމާއިއެކު، ޤާނޫނު އަސާސީއާއި ކޮމިޝަންގެ ޤާނޫނާއި ދިވެހި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ ތެރެއިން ކޮމިޝަނާއި މަތިކުރުވާފައިވާ މަސްއޫލިއްޔަތުތައް ޒީންމާދާރުކަމާއި މިނިވަންކަމާއި އެކު ކުރިޔަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ހިއުމަން ރައިޓް ކޮމިޝަންގެ ބަޔާނުގައިވެއެވެ.
އަދި އދ. އާއި އެކި ފަރާތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކުގެ މަޢުލޫމާތުތައް ފޮނުވުމުގައި އިތުރު އެހެން ފަރާތެއް ބައިވެރިކޮށް ނުވަތަ އެހެން ފަރާތަކުން މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނުން ކުރިން ކުރަމުންއައި މަސައްކަތް ހުއްޓާލާ އެއްވެސް އިދާރާއަކަށް ހުށަނާޅައި ރިޕޯޓްތަކާއި މަޢުލޫމާތުތައް އދ. އާއި އެހެނިހެން ފަރާތްތަކަށް ހުރަހެއްނެތި ފޮނުއްވަމުން ގެންދަވާކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ވިދާޅުވިއެވެ.
ކޮމިޝަންގެ މަސައްކަތް ހިނގާގޮތް ބެލުމެއްނެތި ކޮމިޝަންގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފެދޭގޮތަށް ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ