އައްޑޫއިން ގޫގުލްއަށް ދޭ ބިމުން ކައުންސިލަށް ކުލި ނަގާނަން: ނިޒާރު

ގޫގުލްއިން އައްޑޫ ސިޓީ ހިތަދޫގައި، އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރަން ހިންގާ މަޝްރޫއުގެ ބޭނުމަށް ނަގާ ބިމުން އެ ސިޓީގެ ކައުންސިލަށް ކުލި ނަގާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ. 
ކަނޑުއަޑީގެ ކޭބަލް ސިސްޓަމަކުން އޮމާނާއި ރާއްޖެ އާއި އޮސްޓްރޭލިއާގެ ހުޅަނގު ބިތުގައި އޮންނަ ކްރިސްމަސް އައިލެންޑްސް ގުޅާލާ މި މަޝްރޫއު ގޫގުލް އާއި ދިވެހި ސަރުކާރުން އިއުލާނުކުރީ ނޮވެމްބަރު 17، 2025 ގަ އެވެ. 
އެ ކޭބަލް އަށް ކިޔަނީ "ދިވަރު" އެވެ. އެ މަޝްރޫއުގެ ބޭނުމަށް 160،000 އަކަފޫޓު ނުވަތަ 1.5 ހެކްޓަރުގެ ބިމެއް ދޭން ސަރުކާރުން އޮތީ އެދިފަ އެވެ. މޭޔަރު ނިޒާރުގެ ފޭސްބުކް ޕޭޖުގައި އާންމުކުރި ވީޑިއޯއެއްގައި ވަނީ އެ ބިމުން އައްޑޫގެ ރައްޔިތުންނަށް ކުލި ލިބެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވ. 
"އަޅުގަނޑު ޔަގީންކަމާއެކު ރައްޔިތުންނަށް ދޭނެ ޔަގީން ކަމަކީ ގޫގުލް ބިމުން ލިބެންޖެހޭ ކުލި އައްޑޫ ސިޓީ ކައުންސިލަށް ހޯދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަމޭ. އަދި ކިތަންމެ ބޮޑު އިންވެސްޓްމެންޓެއް ކުރެވިފައި ހުއްޓަސް އެ އިންވެސްޓްމެންޓާ ގުޅޭ ވަރަށް އަޅުގަނޑުމެންނަށް ކައުންސިލަށް އަދި ރައްޔިތުންނަށް ކުލި ލިބެންޖެހޭނެ،" ނިޒާރު ވިދާޅުވި އެވެ.
އެ ކޭބަލަށް ދިވެހި ނަމެއް ދިން ނަމަވެސް، ގޫގުލްއިން ސިފަކޮށްފައިވާ ގޮތުގައި އެއީ އެ ކުންފުނީގެ "އަމިއްލަ އިންވެސްޓުމެންޓެއް"ގެ ގޮތުގަ އެވެ. އެ ކުންފުނީގެ އިންފްރާސްޓަރަކްޗާ ބައްރުތަކަށް ފުޅާކުރުމުގެ މުހިއްމު މަޝްރޫއު އެކެވެ. މި މަޝްރޫއުގެ ދަށުން ގޫގުލްއިން އައްޑޫގައި "ކަނެކްޓިވިޓީ ހަބެއް" ގާއިމު ކުރާނެ އެވެ.
"ކުލި ނަގާނަން އަޅުގަނޑުމެން. ގޫގުލްގެ ވެރިންނަށް ވެސް އަޅުގަނޑު ދަންނަވާނީ އެ ބިމުން އަޅުގަނޑުމެން ކުލި ނަގާނަމޭ. އަދި މިހާރު ޑީލްތައް ހަދައިގެން ހިލޭ ބިން ނަގައިގެން ތިއްބަސް އަޅުގަނޑުމެން ކުލި ނަގާނަން. އެ ކުއްޔަށް ތައްޔާރުވެގެން ތިބެންޖެހޭނީ،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އަންދާޒާކުރާ ގޮތުގައި ސަރުކާރުން ގޫގުލް އަށް ދޭ ބިމުގެ މަހު ކުއްޔަށް 1.5 މިލިއަން ރުފިޔާ އަރާނެ އެވެ. އެއީ އަހަރަކަށް 18 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ