ފާއިތުވި އަށް އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް، ނާއިޒު ހަސަން (ދާދު)، ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.
ދާދު އަކީ މާޒިޔާ ދޫކޮށް ވިކްޓަރީއާ ގުޅުނު ދެ ވަނަ ކުޅުންތެރިޔާ އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ހަތް އަހަރު މާޒިޔާގައި ހޭދަކުރުމަށް ފަހު، ވިކްޓަރީ އަށް ބަދަލުވެފަ އެވެ. ހަމްޕު އެކޭ އެއްގޮތަށް ފުރަތަމަ ޑިވިޝަނުގައި ދާދުގެ ކެރިއަރުގެ ވެސް ތިން ވަނަ ކްލަބަކީ ވިކްޓަރީ އެވެ.
ޓީސީ ސްޕޯޓްސް ކްލަބާ އެކު 2014 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ދާދު ވަނީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. ޖެހިގެން އައި ސީޒަނުގައި ޓީސީން ދިވެހި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދެއްކިއިރު، އެ މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ދާދު އެވެ.
ރާއްޖޭގެ އެންމެ އުންމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި، ދާދު ޓީސީއާ އެކު 2017 ވަނަ އަހަރު ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރިއިރު، އޭނާ މާޒިޔާއާ ގުޅުނީ 2018 ވަނަ އަހަރު އެވެ. ދާދު ވަނީ 2018 ވަނަ އަހަރު ސާފްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު، ޓީމުގެ ފޯވާޑް ލައިން ބަލަހައްޓައިފަ އެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ރާއްޖޭން ސްރީ ލަންކާގައި ކުރިއަށްދިޔަ، ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް ދާދު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މާޒިޔާއާ އެކު ދާދުގެ ކާމިޔާބީތަކަށް ބަލާއިރު، ޖެހިިޖެހިގެން ފަސް ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވަނީ ހޯދައިފަ އެވެ. އަދި، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެސް ވަނީ ހޯދައިފަ އެވެ.
8 އަަހަރަށް ފަހު މާޒިޔާ ދޫކޮށް ދާދު ވިކްޓަރީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ