ޔާމީނަށް ތާއީދުކުރެއްވުމަށާއި އެއްބާރުލުން ދެއްވުމަށް މައުމޫން އެދިވަޑައިގެންފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފުރަތަމަ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކުރެއްވުމަށާއި ޔާމީނަށް އެއްބާރުލުން ދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ އެދިވަޑައިގެންފި އެވެ.
ރިޔާސީ ޓިކެޓު ޔާމީނާއި ހަވާލުކުރުމަށް ޕީޕީއެމް އިން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅަކަށް ތާއީދުކުރުމަށް ޕީޕީއެމްގެ އަސާސީ ގަވައިދުގައި ވެސް ބުނެފައިވާ ކަމަށާއި އެހެންކަމުން އަސާސީ ގަވައިދަށް ހުރިހާ ފަރާތްތަކުން ވެސް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ.
"އެހެންވީމަ އެގަވައިދުގައިވާ ގޮތުން އަޅުގަނޑުމެންގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވާފައިވާ ބޭފުޅަކީ ޕީޕީއެމްގެ ނަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި އިންތިހާބަށް ކުރިމަތިލައްވާ އިއްޒަތްތެރި ބޭފުޅަކަށްވާތީ އެބޭފުޅަކަށް އަޅުގަނޑުމެން އެންމެންގެ ފުރިހަމަ އިހްލާސްތެރި ތާއީދާއި އެއްބާރުލެއްވުން އަބަދުވެސް ދޭން ޖެހޭނެ." ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ޕާޓީގެ ހުރިހާ ގުނަންތަކުންނާއި ޕާޓީގެ މެންބަރުންނާއި އަތޮޅުތަކާއި ރަށްރަށުގައި ތިއްބެވި ބޭފުޅުންނާއި މާލެ ސިޓީ އާއި އައްޑޫ ސިޓީ އާއި އެނޫން ހުރިހާ ތަނެއްގައި ވެސް ތިއްބެވި ޕީޕީއެމްގެ އެންމެހާ ލޮބުވެތި ހުރިހާ މެންބަރުން މިކަމުގައި އެކަތިގަނޑަކަށްވެ ޔާމީނަށް ތާއީދުކުރައްވާ ޔާމީން ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
މައުމޫން ވިދާޅުވީ ހުރިހާ ފަރާތްތަކުން ވެސް އެކަތިގަނޑަކަށްވެގެން މަސައްކަތްކޮށްފިނަމަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ ވަރަށް ކައިރީގައިވާ ކަމެއް ކަމަށާއި އަދި މާތް ﷲ ގެ ވާގިފުޅާއި މަދަދާއިއެކީގައި އެކަން ކުރެވޭނެ ކަމަށެވެ.
ރައީސް މައުމޫން ވަނީ މިރޭގެ ޖަލްސާގައި ޕީޕީއެމްގެ މެންބަރުން އެކަތިގަނޑަކަށްވެ އެކުވެރިވުމަށް ވެސް އިލްތިމާސްކުރައްވާފައެވެ.
"އަޅުގަނޑުމެންނަކީ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ދެމި ތިބުން، އަޅުގަނޑުމެންގެ ސަފުތައް ވަރުގަދަކޮށް ގުޅުންތައް ބަދަހިކޮށް ޕީޕީއެމްއަކީ އަބަދުވެސް އެކައްޗެއް ކިޔާ އެއްގޮތަކަށް މަސައްކަތްކުރާ ޕާޓީއަކަށްވުން، އަޅުގަނޑުމެން ސާބިތުވެ ތިބެ އެއްގޮތެއްގައި ތިބެ ދައްކަންވީ އެއްވާހަކައެއް، އަޅުގަނޑުމެން ފާޅުކުރަންވީ އެއް އަޒުމެއް،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލުކުރެއްވުމަށްފަހު ދެން ޕީޕީއެމް ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމަކަށް ތަނެއް ނެތް ކަމަށާއި ބައިބައިވުމަކަށް އެއްވެސް ފުރުސަތެއް ވެސް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުވެސް ގަބޫލުކުރަން ޕްރައިމަރީގެ ތެރޭގައި، އެކި ގޮތް ގޮތަށް އެކި ބޭފުޅުންނަށް ހިޔާލުކުރެއްވޭނެ، ދެކެންޑިޑޭޓުން ތިއްބެވިއްޔާ ދެކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ބޭފުޅުން ވެސް ތިއްބަވާނެ، އަޅުގަނޑު އެކަން ގަބޫލުކުރަން، އެކަމަށް އިހްތިރާމްކުރަން، ވަކި ކެންޑިޑޭޓަކަށް ތާއީދުކުރެއްވުމަކީ ގޯހެއް ނޫން، އުމަރު ނަސީރަށް ތާއީދުކުރެއްވުމަކީ ގޯހެއް ނޫން، އަބްދުﷲ ޔާމީނަސް ތާއީދުކުރެއްވުމަކީ ގޯހެއް ނޫން، އެއީ ޑިމޮކްރަސީއަކީ." މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕާޓީގައި ވަކި ބޭފުޅަކަށް ތާއީދުކޮށް ޖަމާއަތެއް އޮވެގެން ނުވާނެ ކަމަށާއި ޕާޓީގެ މެންބަރުން ވެސް ތިބެން ޖެހޭނީ އެއް ސަފެއްގައި އެކަތިގަނޑަކަށްވެގެން ކަމަށެވެ.
އަދި މި ޕާޓީއަކުން "މައުމޫނަށް ތާއީދުކުރާ ބައެއް، ޔާމީނަށް ތާއީދުކުރާ ބައެއް، އުމަރަށް ތާއީދުކުރާ ބައެއް، އަދި އެހެން ބޭފުޅަކަށް ތާއީދުކުރާ ބައެއް" އެހެން ތިބެގެން ނުވާނެ ކަމަށެވެ.
މައުމޫން މިރޭ ވެސް ވަނީ ޕީޕީއެމްއިން އެހެން ޕާޓީތަކާއި މަޝްވަރާކުރަން ތައްޔާރަށް ތިބި ކަން ހާމަކުރައްވާފައެވެ.
މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބު ޕީޕީއެމްއިން ކާމިޔާބުކުރަން ބޭނުންވަނީ ވަކި އަމިއްލަ ޕާޓީއަށް ގިނަ ކަންތައްތަކެއް ހޯދަންވެގެން ނޫން ކަމަށާއި އެއީ ޕީޕީއެމްއިން ބޭނުންވާ ސިޔާސަތުތަކެއް ހިންގުމަށްޓަކައި ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަށް ހެވާއި ލާބަ ގެނެސްދޭނެ އަދި ދިވެހި ގައުމަށް އިތުރު ތަރައްގީ އާއި ކުރިއެރުން ހާސިލްކޮށްދޭނެ ސިޔާސަތުތަކެއް ތަންފީޒުކުރަން ބޭނުންވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ