ފޭދޫ ދާއިރާގެ ޕްރައިމަރީ އަލުން ބޭއްވުމާ މެދު މަޝްވަރާކުރަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޭދޫ ދާއިރާއިން އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށްޓަކާ ބޭއްވި ޕްރައިމަރީ އަލުން ބޭއްވުމާ މެދު އިންތިހާބާ ބެހޭ ކޮމެޓީން މަޝްވަރާކުރަން ފަށައިފި އެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މުގައްރިރު އިބްރާހިމް ވަހީދު މިއަދު ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ފޭދޫ ދާއިރާގެ ލިސްޓްގައި މައްސަލަތަކެއް ހުރިކަމަށް ބުނެ، ޕްރައިމަރީ އޮތް ދުވަހު މައްސަލައެއް އެކޮމިޓީއަށް ހުށަހެޅުމުން، ޕާޓީން އާންމުކޮށްފައިވާ ލިސްޓަށް ވޯޓްނަގަން އަންގައި، އެލިސްޓް އެދާއިރާއަށް ފޮނުވާފައިވާކަމަށާއި ނަމަވެސް ވޯޓް ނަގާފައިވަނީ އެލިސްޓަށް ނޫންކަމަށެވެ.
އެ ދާއިރާ ވޯޓުގައި ހުރި މައްސަލަތައް އެ ދާއިރާގެ ޕްރައިމަރީއަށް ވާދަކުރެއްވި ފަސް ކެންޑިޑޭޓަކު ހުށަހަޅާފައިވާތީ އެކަން ބަލައި އެ ދާއިރާގެ ޕްރައިމަރީ އަލުން ބޭއްވުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީ އަލުން ބޭއްވުމާ މެދު މިއަދު ގޮތެއް ނިމޭނެ ކަމަށާއި އެ ދާއިރާއާ މެދު ނިންމާ ގޮތެއް އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވަނީ ޖުމްލަ 9 ކެންޑިޑޭޓަކުން ވާދަކޮށްފައެވެ.9 ކެންޑިޑޭޓުން ވާދަކުރެއްވި މި ދާއިރާ ކާމިޔާބުކުރެއްވީ މުހައްމަދު ނިހާދެވެ.
ނިހާދު އެ ޕްރައިމަރީ ކާމިޔާބުކުރެއްވީ 316 ވޯޓުންނެވެ. ދެ ވަނަ އަށް ދިޔަ އަހުމަދު މިރުޒާދު (މިރާ) އަށް 186 ވޯޓު ލިބުނުއިރު އެ ދާއިރާގެ މެމްބަރުކަން މިހާރުވެސް ކުރައްވަމުންގެންދަވާ އަލްހާނަށް ލިބިވަޑައިގަތީ 154 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ