ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އަށް ބަދަލު ގެނައުމަށް ބަޔަކު މަސައްކަތް ކުރާނެ: މައުމޫން

ކުރީގެ އިންތިހާބުތަކުގެ "ވޯޓްތަކުގައި ވަކި ފަރާތްތަކަކުން ވަރަށް ގޯސް އަމަލުތަކެއް ހިންގި" ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް "އެކަން ހިންގާނެ ކަން، ޔަގީން"ވާ ކަމަށް ޑީއާރުޕީގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަށްޓަކައި އެ ޕާޓީގެ ޒައީމް ބާއްވަމުން ގެންދަވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ ވިލިމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކުރީގެ އިންތިހާބުތަކާ އެއްގޮތަށް، މިފަހަރު ވެސް ވޯޓްގެ ބަދަލުގެންނަން މަސައްކަތް ކުރާނެ ކަމަށާއި އެ ކަމަށް ޑީއާރުޕީގެ މެންބަރުން އެ ކަމަށް ތައްޔާރުވާންވާން ޖެހޭނެ ކަމަށެވެ.
"މިފަހަރު ވޯޓް، ވަރަށް ވިސްނުންތެރިކަމާ އެކު އަޅުގަނޑުމެން ބަލަން ޖެހޭނެ. މީގެ ކުރިން އަޅުގަނޑުމެންނަށް ތަޖުރިބާ ކުރަންޖެހިފައި ވަނީ ވޯޓްތަކުގައި ވަކި ފަރާތްތަކަކުން ވަރަށް ގޯސް އަމަލުތަކެއް ހިންގި. އެ ކަން އަޅުގަނޑުމެންނަށް ވަނީ ތަޖުރިބާ ކުރެވިފައި. އެހެންވީމާ މިފަހަރު ވެސް އެކަން ހިނގާނެ ކަން ޔަގީން. އެކަމަށް އަޅުގަނޑުމެން ތިބެން ޖެހޭނީ ތައްޔާރުވެގެން، ލޯ ހުޅުވައިގެން." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ 2008 އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެފަދަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި މައްސަލަތަކެއް ކުރިމަތިވެ، އެތައް ބަޔަކަށް ވޯޓް ނުލެވުނު ކަމަށާއި ވޯޓް ގުނުމުގައި ވެސް މައްސަލަތަކެއް ދިމާވި ކަމަށެވެ. ނަމަވެސް އެ އިންތިހާބުގެ ނަތީއްޖާ ގަބޫލު ކުރާ ކަމަށް އެ މަނިކުފާނު އެއްބަސްވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެދޭތީ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
.."ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓް ލެވުނު މީހުން ދެ ވަނަ ބުރުގައި ]ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު[ އެތައް ބަޔަކު ވޯޓްދޭ ސަރަހައްދަށް ގޮސް، އެ މީހުންގެ ނަން ނެތިގެން ވޯޓް ނުދެވިގެން، އަނބުރާ ދާންޖެހުނު. އަދި ވޯޓް ގުނުމުގައި ވެސް ބައިވަރު މައްސަލަތަކެއް ދިމާވި. އެވާހަކަ ދެން އަޅުގަނޑު ދައްކާކަށް ނެތިން. އެ އިންތިހާބުގެ ނަތީއްޖާ އަޅުގަނޑު ވަނީ ގަބޫލުކޮށްފައި. ގަބޫލު ކުރި ސަބަބަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅުގަނޑު އެދޭތީ."
އެމަނިކުފާނު ވިދާޅުވީ ޑީއާރުޕީ އަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ވާނީ އެ ޕާޓީގެ މެންބަރުން ވެސް ހޭ އަރައިތިބެ، ކޮންމެ ވޯޓަކީ ވެސް މުހިންމު ވޯޓެއް ކަމަށް ދެކި ވޯޓް ލުމުން ކަމަށެވެ. އަދި އެންމެ ވޯޓަކުން ވެސް ނަތީއްޖާ ބަދަލުކޮށްފާނެތީ ހުރިހައި އެންމެން ވެސް ވޯޓް ދިނުމަށް ރައީސް މައުމޫން ގޮވައިލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ