ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުރިއަށް ކުރަން ހުރި މަސައްކަތްތަކާއި މަޝްރޫއުތައް ހިމަނައިގެން އެކުލަވާލާފައިވާ މާސްޓަ ޕްލޭނުގައި ހުރި ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ހެލްތު މިނިސްޓްރީ އާއި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގުޅިގެން ބައްދަލުވުމެއް ބާއްވައިފި އެވެ.
މިބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ނަސަންދުރަ ޕެލަސް ހޮޓެލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.
ރާއްޖޭގެ ސިއްޙަތާއި ބެހޭ ދާއިރާގައި އިސްކޮށް އުޅުއްވާ ހިދުމަތްތެރިން ބައިވެރިވާ މި ވޯކްޝޮފްގައި މައިގަނޑު ގޮތެއްގައި ކުރެވޭނެ އެއް މަސައްކަތަކީ 2015 އަދި 2016 ވަނަ އަހަރަށް ސިއްހީ ދާއިރާގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ގައުމީ މާސްޓަ ޕްލޭނުގައި ހިމެނޭ މަސައްކަތްތަކާއި މެދު ބައިވެރިންގެ ހިޔާލު ހޯދައި އޭގައި ހިމެނިފައިވާ އަމާޒުތަކާއި ހަމަޔަށް ވާސިލުވުމަށްޓަކައި ނިންމަންޖެހޭ ނިންމުންތައް ނިންމުން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.
މިއަދުގެ ބައްދަލުވުމާއި ބެހޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޕްލޭނިން އިންޓަނޭޝަނަލް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަ ޖެނަރަލް އައިޝަތު ސާމިޔާ ވިދާޅުވީ ބައްދަލުވުން ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަކަށް ކަމަށާއި ކޮންމެ ދުވަހެއްގައިވެސް މަސައްކަތް ތަފާތުވާނެ ކަމަށެވެ.
"ޕްލޭނުގައި ހިމެނިފައިވާ އެކި ބައިތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާނީ އެކަންކަމާއި ގުޅޭ ބޭފުޅުން. އެގޮތުން މިއަދުގެ ބައްދަލުވުން އަމާޒުކޮށްފައިވަނީ ސިއްޙީ ހިދުމަތްތެރިންނަށް ކަމަށް ވާތީ މި ބައްދަލުވުމުގައި ކުރިއަށްދާނީ މާސްޓަ ޕްލޭނުގައި ހުރި ސިއްހީ ހިދުމަތްތަކާއި ބެހޭ ބައިގައި ހިމެނިފައިވާ ކަންކަމާއި ގުޅޭގޮތުން،" ސާމިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަޝްވަރާ ބައްދަލުވުމުގެ ދެވަނަ ދުވަހު ކުރިއަށްދާނީ އާންމު ސިއްހަތާއި ބެހޭ ބައިގެ މަސައްކަތްތައް ކަމަށެވެ. އަދި ތިންވަނަ ދުވަހުގެ މައިގަނޑު މަސައްކަތެއްގެ ގޮތުން ކުރިއަށް ގެންދާނީ ސިއްހީ ދާއިރާއާއި އެކިގޮތްގޮތުން ގުޅިފައިވާ ސިޔާސީ ފަރާތްތަކުގެ ޚިޔާލު ހޯދުން ކަމަށްވެސް ވިދާޅުވި އެވެ.
ސާމިޔާ ވިދާޅުވީ މިހާރު ތައްޔާރު ކުރެވޭ މާސްޓަ ޕްލޭން ތައްޔާރުކުރުމުގައި އެކި ސަރުކާރުތަކުގެ ސިޔާސަތު ތަކުގައި ހުރި ކަންކަމަށް ވެސް ބަލާލާފައިވާނެ ކަމަށެވެ. ހަމަ އެއާއި އެކު މަސައްކަތް ކުރަނީ އެ ޕޮލިސީ ތަކާއި ލަނޑުދަނޑިތައް މިހާރު ތައްޔާރުކުރާ މާސްޓަ ޕްލޭންގެ ތެރެއިން ހާސިލްކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ. މިހާރު ތައްޔާރުކުރަމުންދާ މާސްޓަ ޕްލޭނަކީ ދުރު ރާސްތާއަށް ވިސްނުމަށްފަހު ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށް ވެސް ސާމިޔާ ވިދާޅުވި އެވެ.
ސިއްހީ ދާއިރާގެ މާސްޓަ ޕްލޭނަށް މަޝްވަރާކުރަން ބައްދަލުވުމެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ