ދުނިޔޭގައި ކުރެހުންތެރިންގެ ހުނަރުތައް ދައްކާލުމަށް ހާއްސަ އެތައް މިއުޒިއަމްތަކެއް އެބަހުއްޓެވެ. އެކަމަކު، މިއީ ގައުމެއްގެ މުޅި ތާރީހާއި ހަޟާރަތް ކިޔައިދޭ އާދަޔާހިލާފު ފަންނުވެރިކަމުގެ ފުން ކަނޑެކެވެ.
އަހަރެން މި ހުރީ ރަޝިޔާގެ މޮސްކޯގައި ހުންނަ 'ސްޓޭޓް ތްރެޓްޔަކޯވް ގެލެރީ' ގެ ބޮޑެތި ހޯލްތަކުގެ ތެރޭގަ އެވެ. މި ތަނުގައި ހިނގައިލުމަކީ ހަމައެކަނި ކުރެހުންތަކެއް ބަލައިލުމަށްވުރެ ބޮޑަށް، ރަޝިޔާގެ ތާރީހާއި، ސަގާފަތާއި، ދީނީ އަދި ފޯކްލޯރްގެ ތެރެއަށް ކުރެވޭ ދަތުރެކެވެ. ކޮންމެ ގެލެރީއަކުން ހުޅުވިގެންދަނީ އެ ގައުމުގެ މާޒީގެ އާ ބާބެކެވެ. ރަޝިޔާގެ އެންމެ ކުޅަދާނަ ފަންނާނުންގެ ފުރިހަމަ ކުރެހުންތަކުން، އެ ގައުމުގެ ރަސްކަލުންނާއި، އާންމު ރައްޔިތުންނާއި، ދީނީ އިލްމުވެރިންނާއި، ބަތަލުންގެ ހަޔާތުގެ ސަފުހާތައް ދިރުވައިދެ އެވެ.
މިތަނަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް މިއީ އާދަޔާހިލާފު އިހުސާސްތަކެއް ކުރުވާ ކަމެކެވެ. އެތައް މީޓަރެއްގެ އުސްމިން ހުންނަ ބޮޑެތި ކުރެހުންތަކުގެ ކުރިމަތީގައި މަޑުކޮށްލުމުން، ފޮތްތަކުންނާއި ކޮމްޕިއުޓަރުގެ ސްކްރީންތަކުން ފެންނަ ފޮޓޯތަކަށް ވުރެ، މި ފަންނީ މަސައްކަތްތަކުގެ އަސަރުގަދަކަން އިހުސާސް ކުރެވެ އެވެ.
ކުރެހުންތައް އެއްކުރުމަށް ޝައުގުވެރިކަން ހުންނަ ވިޔަފާރިވެރިޔާ 'ޕަވެލް ތްރެޓްޔަކޯވް' 1856 ވަނަ އަހަރު، އޭނާގެ އަމިއްލަ ގޭގައި ބިނާކުރި މި ގެލެރީއަކީ، މިއަދު މުޅި ދުނިޔޭގައި ވެސް ހުރި ރަޝިޔާގެ ފަންނުވެރިކަމުގެ އެންމެ ބޮޑު މަރުކަޒެވެ. އޭނާގެ ހުވަފެނަކަށްވި ރަޝިޔާގެ ފަންނާނުންނަށް ހާއްސަ ގައުމީ ގެލެރީއަކީ މިއަދު ރަޝިޔާގެ އެންމެ އަގުބޮޑު އެއް ސަގާފީ ހަޒާނާ އެވެ.
މި މިއުޒިއަމްގެ ތެރެއަށް ވަދެގެންދާއިރު، އެންމެ ފުރަތަމަ އިހުސާސް ވަނީ ހަމަހިމޭންކަމެވެ. ރަންކުލައިގެ ފްރޭމްތަކުން ޒީނަތްތެރިކޮށްފައިވާ އުސް ކުރެހުންތަކަށް ބަލަހައްޓައިގެން ހުންނަ އިރު، ކޮންމެ ކުރެހުމަކުން ވެސް، ޒިޔާރަތްކުރާ މީހާ މުޅިން ތަފާތު ދުނިޔެއަކަށް ގެންގޮސްދެ އެވެ. މިއީ އެ ދަތުރުގެ ބައެއް އުސްއައްޔެވެ.
މި ގެލެރީގައި ހުރި އެންމެ ހަނދާނުން ފޮހެލަން ދަތި އެއް މަސައްކަތަކީ 1862 ވަނަ އަހަރު، މުޅި ރަޝިޔާ ފަހުރުވެރިވާ ކުރެހުންތެރިޔާ ވަސިލީ ޕުކިރޭވް ކުރަހާފައިވާ، ތަފާތު ދެ ދަރަޖައެއްގެ ދެ މީހެއްގެ ކައިވެނި ދައްކުވައިދޭ "ދަ އަންއީކުއަލް މެރިއޭޖް" ނަމަކަށް ކިޔާ ކުރެހުމެވެ.
ފުރަތަމަ ނަޒަރަކުން ބަލާއިރު، މިއީ ރަޝިއާގެ އޮތޮޑޮކްސް ފައްޅިއެއްގެ ތެރޭގައި ކުރިއަށްދާ އާދައިގެ ކައިވެނީގެ ހަފުލާއެއްހެން ހީވެދާނެ އެވެ. ނަމަވެސް، ކައިރިން ބަލައިލުމުން އޭގެ ފަހަތުގައިވާ ހިތާމަވެރި ހަގީގަތް ހާމަވެގެންދެ އެވެ.
ހުދު ހެދުމެއްގައި ހުރި ޒުވާން އަލަތު އަނބިމީހާ، އިސްދަށަށް ޖަހައިގެން ހުރީ އިންތިހާ ދަރަޖައިގެ މާޔޫސްކަމެއްގަ އެވެ. އޭނާގެ ކައިރީގައި ދުވަސްވީ ފިރިހެނަކު ކައިވެންޏަށް ތައްޔާރުވެގެން ހުރިއިރު، ފާދިރީއަކު ދަނީ އޭނާގެ އިނގިލީގައި ކައިވެނީގެ އަނގޮޓި އެޅުވުމަށް ތައްޔާރުވަމުންނެވެ. މި މަންޒަރު ބަލަން ތިބި މެހުމާނުން ތިބީ ހިމޭންކަމާއެކުގަ އެވެ.
ޕުކިރޭވް މި ކުރެހުމުން ސިފަކޮށްދީފައިވަނީ ކައިވެނީގެ އުފާވެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ހާމަކޮށްދީފައިވަނީ 19 ވަނަ ގަރުނުގެ ރަޝިއާގެ މުޖުތަމައުގައި އޮތް ހިތްދަތި ހަގީގަތެކެވެ. އެއީ މާލީ ތަނަވަސްކަމަށްޓަކައި ނުވަތަ އިޖުތިމާއީ ދަރަޖައެއް ހޯދުމުގެ ބޭނުމުގައި، ޒުވާން އަންހެން ކުދިން، އުމުރުން ދުވަސްވީ މުއްސަނދިންނާ ކައިވެނިކުރަން މަޖުބޫރުކުރުވި ކުރުވުމެވެ.
މިއަދުވެސް މި ކުރެހުމުން ފެންނަނީ މި ޒަމާނާ ވެސް ގުޅޭ މެސެޖެކެވެ. އެއީ އިޖުތިމާއީ ބޭއިންސާފުތައް ގިނަ ފަހަރަށް ފޮރުވިފައި ހުންނަނީ އާދަކާދަތަކުގެ ނިވަލުގައިކަން އެ ކުރެހުން ބަލާ ކޮންމެ މީހަކަށް ބުނެދޭ ކަމެވެ.
މޮޅު ކުރެހުންތެރިއެއް ކަމަށްވާ އިލްޔާ ރެޕިންގެ "އިވާން ދަ ޓެރިބަލް އެންޑް ހިޒް ސަން އިވާން އޮން 16 ނޮވެމްބަރު 1581" އާ އެއްވަރުގެ އަސަރުގަދަ އިހުސާސްތަކެއް ގެނެސްދޭ ކުރެހުންތައް ވަރަށް މަދެވެ.
މި ބޮޑު ކުރެހުމުން ބަލައިލާ މީހާ ގެންގޮސްދެނީ ރަޝިއާގެ ތާރީހުގައި ހިނގާފައިވާ އެންމެ ހިތާމަވެރި އެއް ހާދިސާގެ ތެރެއަށެވެ.
ތާރީހީ ލިޔުންތަކުގައިވާ ގޮތުން، "އިވާން ދަ ޓެރިބަލް" ގެ ނަމުން މަޝްހޫރުވެފައިވާ ރަސްގެފާނު އިވާން 4 ވަނަ، އޭނާގެ ދޮށީ ފިރިހެން ދަރިފުޅާ ދެމެދު ހިނގި ޒުވާބެއްގެ ތެރޭގައި ދަރިފުޅުގެ ގައިގައި ޖަހައި، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް ދިނެވެ.
ނަމަވެސް، ރެޕިން މި ކުރެހުމުގައި ސިފަކޮށްދީފައިވަނީ އެ އަނިޔާ ދޭ މަންޒަރެއް ނޫނެވެ.
އޭގެ ބަދަލުގައި، އޭނާ ކުރަހާފައިވަނީ އެ ބިރުވެރި ހާދިސާ ހިނގުމަށްފަހު އައި ނުތަނަވަސް ހިނދުކޮޅެވެ.
އުމުރުން ދުވަސްވީ ރަސްގެފާނު، އޭނާގެ މަރުވަމުންދާ ދަރިފުޅުގެ ގައިގައި ބާރަށް ބައްދާލައިގެން އިންއިރު، އެ ދެލޮލުން ފެންނަނީ ރުޅިވެރިކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ދެލޮލުން ފާޅުވަނީ އިންތިހާ ދަރަޖައިގެ ބިރާއި ހިތާމަ އެވެ. ދަރިފުޅުގެ ބޮލުން އޮހޮރޭ ލޭގެ ތިކިތަކުން ފޭރާމުގައި ލައްޖެހިފައިވާއިރު، އެ ބައްޕަ މަސައްކަތް ކުރަމުންދަނީ ސަލާމަތް ނުކުރެވޭނެކަން އެނގި ހުރެ ވެސް އެ ދަރިފުޅުގެ ހަށިގަނޑުގައި އޯގާތެރިކަމާ އެކު ބައްދާލުމަށެވެ.
އަސްލު ކުރެހުމުގެ ކުރިމަތީގައި ހުންނައިރު، ވަށައިގެންވާ މާހައުލު ގެއްލި، ލޯ ކުރިމަތިން ފެންނަން ހުންނާނީ ވޭނީ ބޮޑު ހިތާމައެއްގެ ތެރެއަށް ޣަރަގުވެފައިވާ ބައްޕައެއް އެކަންޏެވެ.
މި ކުރެހުމަކީ ރަޝިޔާގެ ފަންނުވެރިކަމުގެ ތާރީހުގައި އެންމެ ބޮޑަށް ބަހުސްކުރެވޭ އެއް ކުރެހުމެވެ. ގިނަ ތާރީހު އިލްމުވެރިންތަކެއް މި ހާދިސާ ހިނގި ކަމަށް ބުނާ ބޯދާ ވާހަކަތައް ގަބޫލުކުރި ނަމަވެސް، އަނެއް ބަޔަކު ދެކޭ ގޮތުގައި މިކަމަށް އެކަށީގެންވާ ތާރީހީ ހެކިތަކެއް ނެތެވެ. އެހެންކަމުން، ރެޕިންގެ މި ފުރިހަމަ މަސައްކަތަކީ ތާރީހީ ގޮތުން ހިލާފު އުފެދިފައިވާ ހާދިސާއަކަށް ފަންނުވެރިކަމުގެ ނަޒަރަކުން ދީފައިވާ މާނަކުރުމެކެވެ.
ތާރީހީ ގޮތުން ކޮންމެ ބަހުސެއް އޮތް ނަމަވެސް، މި ކުރެހުމުން ފާޅުވާ އަސަރުގަދަ އިހުސާސްތަކަކީ އެއްވެސް މީހަކަށް ދެބަސްނުވެވޭނެ ފަދަ ހަގީގަތެކެވެ. މި ކުރެހުމަށް ހަމަލާތައްދީ ނައްތާލަން އެތައް ފަހަރަކު މަސައްކަތްކޮށްފައިވާއިރު، މިހާރު އެ ކުރެހުމުގެ ވަށައިގެން ސަލާމަތީ ފިޔަވަޅުތައް އޮތީ ވަރުގަދަކޮށްފަ އެވެ.
އެހެން ގެލެރީއެއްގެ ތެރެއިން ވަސިލީ ސުރިކޯވްގެ ބިޔަ ކުރެހުމެއް ކަމަށްވާ "ބޯޔާރިންޔާ މޮރޮޒޯވާ" ގައި ނަޒަރު އަޅައިގަތެވެ.
މި ބޮޑު ކެންވަސްގައި ކުރަހާފައިވަނީ ފިއޮޑޯސިޔާ މޮރޮޒޯވާ ހައްޔަރުކުރި މަންޒަރެވެ. އޭނާއަކީ 17 ވަނަ ގަރުނުގައި ދީނީ ހަމަނުޖެހުންތަކެއްގައި ކުރީގެ ގަބޫލުކުރުންތަކުގައި ހިފަހައްޓާ މީހުންގެ ލީޑަރަކަށްވި މުއްސަނދި އަދި ގަދަރުވެރި އަންހެނެކެވެ.
ސިފައިން އޭނާ މޮސްކޯގެ މަގުތަކުން ގެންދާއިރު، އޭނާ ދަނީ ވަރަށް ކެރިގެން ދެ އިނގިލި އުފުލައި، އޭނާގެ ގަބޫލުކުރުންތަކުގައި ސާބިތުވެ ހުރިކަން ދައްކަމުންނެވެ. އޭނާގެ ވަށައިގެން ތިބި މީހުންގެ މެދުގައި ހިޔާލުތަފާތުވުންތައް އިންތިހާއަށް އޮތް މަންޒަރު ފެނެ އެވެ.
ބައެއް މީހުން ސިއްރިއްޔާތުގައި އޭނާއަށް ހެޔޮ ދުއާ ކުރެ އެވެ. އަނެއް ބަޔަކު އޭނާއަށް މަލާމާތް ކުރެ އެވެ. އަދި ބައެއް މީހުން އެއްވެސް ބަހެއް ބުނުމެއް ނެތި، ހަމައެކަނި މަންޒަރު ބަލަން ތިބެ އެވެ.
ރަޝިޔާގެ ތާރީހަކީ އެ ގައުމުގެ ފުލޯކު ވާހަކަތަކާއި ވަރަށް ބޮޑަށް ލާމެހިފައިވާ ތާރީހެކެވެ. މިކަން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ވިކްޓާ ވަސްނެޓްސޯވްގެ މަޝްހޫރު ކުރެހުން ކަމަށްވާ "ބޮގަޓިރްސް" ނުވަތަ "ރަޝިޔާގެ ލެޖެންޑަރީ ހަނގުރާމަވެރިން" މި ކުރެހުމުންނެވެ.
މި ކުރެހުމުގައި ފެންނަ ތިން އަސްވާރުން ކަމަށްވާ ޑޮބްރީނިއާ ނިކިޓިޗް، އިލްޔާ މުރޮމެޓްސް އަދި އަލްޔޯޝާ ޕޮޕޯވިޗް އަކީ ރަޝިޔާގެ ފުލޯކު ވާހަކަތަކުގެ ރަމްޒުތަކެކެވެ. ކުރެހުމުގެ މެދުގައި ފެންނަން ހުރި އިލްޔާ މުރޮމެޓްސް ހަމަހިމޭންކަމާ އެކު ދުރަށް ބަލަން ހުންނައިރު، އޭނާގެ އެކުވެރިން ތިބީ ގައުމު ދިފާއުކުރުމަށް ތައްޔާރުވެގެންނެވެ.
މި ކުރެހުން ފުރިހަމަކުރުމަށް ވަސްނެޓްސޯވް ގާތްގަނޑަކަށް ވިހި އަހަރު ދުވަސް ހޭދަކުރި އެވެ. މިއަދު މިއީ ރަޝިޔާގެ ގައުމީ އައިޑެންޓިޓީ ރަމްޒުކޮށްދޭ އެންމެ މުހިންމު އެއް ތަސްވީރެވެ.
މީގެ އިތުރުން، ވަސްނެޓްސޯވްގެ އެހެން ފަންނީ މަސައްކަތެއް ކަމަށްވާ "އިގޯ ސުވްޔަޓޮސްލާވޮވިޗާއި ޕޮލޮވްޓްސިއަނުންގެ ހަނގުރާމައަށް ފަހު" މި ކުރެހުމަކީ މުޅިން ތަފާތު މަންޒަރެއް ސިފަކޮށްދޭ ކުރެހުމެކެވެ. މި ކުރެހުމުގައި ހަނގުރާމައިގެ ކާމިޔާބީ ފާހަގަކުރުމުގެ ބަދަލުގައި، ހަނގުރާމައަށްފަހު ފެންނަ ބިރުވެރި ހަމަހިމޭންކަން ދައްކުވައިދެ އެވެ. މިއީ ހަނގުރާމައިގެ ސަބަބުން އިންސާނިއްޔަތަށް ލިބޭ ބޮޑެތި ގެއްލުންތައް ބަލަން ތިބޭ މީހުންނަށް ހަނދާންކޮށްދޭ މަންޒަރެކެވެ.
ޓްރެޓްޔަކޯވް ގެލަރީގައި ހުރި ކޮންމެ ކުރެހުމަކީ ހަމައެކަނި ރަސްރަސްކަލުންނާއި ގައުމީ ބަތަލުންގެ ވާހަކަތަކެއް ނޫނެވެ. ބައެއް ކުރެހުންތަކަކީ ތާރީހުގައި އެބައެއްގެ ވާހަކަތައް އާންމުކޮށް ފާހަގަނުކުރެވޭ މީހުންގެ އަޑުތަކެވެ. އެގޮތުން ވަސިލީ ޕެރޯވްގެ "ޓްރޮއިކާ: އެޕްރެންޓިސް ފެޗިން ވޯޓާ" މި ކުރެހުމުގައި ފެންނަނީ، ގަދަ ފިނީގެ ތެރޭގައި، ވަރުބަލިވެފައިވާ ތިން ކުޑަކުދިން ބަރު ފެން ހަމެއް ދަމާފައި ގެންދާ ހިތްދަތި މަންޒަރެކެވެ.
ކުޑަކުދިންގެ ވަރުބަލި މޫނުތަކާއި، ގަނޑުވެފައިވާ ފެން ހަމާއި ފިނިމޫސުމުގެ ދަތި ހާލަތުން ސިފަކޮށްދެނީ ނަވާރަވަނަ ގަރުނުގެ ތެރޭގައި ރަޝިޔާގެ އާންމު ރައްޔިތުން އުފުލި ތަކްލީފުތަކާއި ދަތި އުނދަގޫ ދިރިއުޅުމެވެ.
މީގެ އިތުރުން، ޕަވެލް ފެޑޮޓޯވްގެ "މޭޖާސް މެރިއޭޖް ޕްރޮޕޯސަލް" އަކީ ވެސް އެހާމެ ނުފޫޒުގަދަ ކުރެހުމެކެވެ. މިއީ މުއްސަނދި ވިޔަފާވެރި އާއިލާއަކަށް ކައިވެނީގެ ހުށަހެޅުމެއް ހުށަހަޅާ ރިޓަޔާޑް އޮފިސަރެއްގެ މައްޗަށް ބިނާކޮށް ކުރަހާފައިވާ ތަސްވީރެކެވެ. މި ކުރެހުމުން ދައްކުވައިދެނީ، ކައިވެންޏަކީ ލޯތްބާއި ކުލުނުގެ މައްޗަށް ބިނާވެފައިވާ ގުޅުމަކަށް ވުމުގެ ބަދަލުގައި، އެއީ ހަމައެކަނި ވިޔަފާރީގެ މުއާމަލާތަކަށް ވެފައިވާ އޭރުގެ މުޖުތަމައުގެ ހާލަތެވެ.
މިފަދަ އެތައް އެތައް ސަތޭކަ ކުރެހުމެކެވެ.
ޓްރެޓްޔަކޯވް ގެލެރީއަކީ ހަމައެކަނި ކުރެހުންތަކެއް ދައްކައިދޭ މައުރަޒަކަށްވުރެ މާ ފުން ތަނެކެވެ. އެއީ ރަޝިޔާގެ އަސްލާއި ސަގާފަތުގެ ތެރެއަށް ކުރެވޭ ފުން ދަތުރެކެވެ.
އެތަނުގައިވާ ކޮންމެ ކުރެހުމަކުން ރަޝިޔާގެ އަމިއްލަވަންތަކަމުގެ ތަފާތު މަންޒަރުތައް ސިފަކޮށްދެ އެވެ. ދީނީ ގޮތުން ހިނގާފައިވާ ކަންކަމާއި ދައުލަތާއި މުޖުތަމައުގެ ތެރޭގައި އޮތް އެކި ހާލަތްތަކާއި މުއްސަނދިކަމާއި ފަގީރުކަން، ލޯތްބާއި ނަފުރަތު އަދި ހިޔާލީ ވާހަކަތަކާއި ތާރީހީ ހަގީގަތްތަކުގެ އެތައް މަންޒަރެއް އެބަ ހުއްޓެވެ.
ތަނުގެ ވަށައިގެން ހުރެ ބަލާލާ ކޮންމެ ދިމާއަކުން ވެސް އިންސާނިއްޔަތާ ގުޅިފައިވާ އެތައް ކަމަކާ މެދު ފިކުރުކޮށްލަން ފުރުސަތު ލިބެ އެވެ. ބާރާއި، ބޭއިންސާފާއި، ގުރުބާނީއާއި، ހިތްވަރާއި، ހިތާމައާއި އުންމީދު ފަދަ އެތައް އިހުސާސެއް އެ ހިނދުކޮޅުގެ ތެރޭގައި ކުރެވޭނެ އެވެ.
ގެލެރީން ނުކުމެގެންދާއިރު، ޕަވެލް ޓްރެޓްޔަކޯވް އޭނާގެ މުޅި ހަޔާތް ރަޝިޔާގެ ފަންނުވެރިކަން ރައްކާތެރިކުރުމުގައި ހޭދަކުރި ސަބަބު ވަރަށް ސާފުކޮށް އެނގިގެންދެ އެވެ. އެތަން އުފެދުނުތާ ގަރުނަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް، އޭނާގެ މަގުސަދު މިއަދު ވެސް އަންނަނީ ހާސިލްވަމުންނެވެ. އެއީ ރަޝިޔާގެ އެންމެ ކުޅަދާނަ ފަންނުވެރިންގެ ނަޒަރުން އެ ގައުމުގެ ހަޔާތުގެ ސަފުހާތައް ކިޔައިދިނުމެވެ.
އަހަރެން އެތަނުން ނުކުތީ ހަމައެކަނި ފަންނުވެރިކަމުގެ އާދަޔާ ހިލާފު ފުރިހަމަކަމަށް ހައިރާންވެގެންނެއް ނޫނެވެ. ނަމަވެސް، ކޮންމެ ކުރެހުމެއްގެ ފަހަތުގައި ރައްކާތެރިކުރެވިފައިވާ ޖަޒުބާތުތަކުން ހިތަށް ކުރުވި ފުން އަސަރުތަކާ އެކު އެވެ.
ފަންނުވެރިކަމުގެ ބިޔަ ކުރެހުންތަކެއް، ޖަޒުބާތީ ފުންކަނޑެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ