މަޖިލިސް މެދުވެރިކޮށް ޖީއެމްއާރު ނުގެނެވޭނެ ކަމަށް ވިދާޅުވެ ގާސިމް ރައްދު ދެއްވައިފި

ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އިންޑިއާގެ ޖީއެމްއާރު ދެން ނުގެނެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝިދަށާއި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމު ފާޑު ވިދާޅުވެއްޖެއެވެ.
ގއ.ގެމަނަފުށީގައި ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ މަޖިލީހުގެ ތެރެއިން އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ދެން ރައީސް ނަޝީދަށް ނުދެއްވާނެ ކަމަށެވެ.
"އަޅުގަޑު ދަންނަވާނީ ކެނޭރީގެ މުޙައްމަދު ނަޝީދަށް ދެން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެއްވެސް ކަމެއް ނުކުރެވޭނެ މާތްﷲ ވާގިފުޅާއެކީގައި، އެކަން ހަނދާން ނައްތާލާށޭ. މިގައުމަށް އަނިޔާވެރިވާން ނޫޅޭށޭ. މިގައުމުގެ މިނިވަންކަމާއި އަޅުގަނޑުމެންގެ އޮތް މުދަލާއި، އަޅުގަނޑުމެންގެ މިގައުމުގައި ހުރި އަޅުގަނޑުމެންގެ ކާބަފައިން ހޯދައިދިން ތަރިކަ މުދާ ވިއްކާލާ އެހެން މިހެން ހަނދާ މިދިވެހިރާއްޖޭގައި އޮތް އިސްލާމް ދީނަށް ހަޖޫޖަހާ ޖޯކް ޖަހަމުން ގެންގޮސް އެކަންތައްތައް ކުރުމުގެ މުއްދަތު ހަމަވަނިއްޔޭ. އެކަން ދިވެހިރާއްޖޭގެ ރައްޔިތުން ދައްކައިދޭނެ މިއަންނަ ރިޔާސީ އިންތިހާބުގެ ވޯޓުގައި” ގާސިމު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ ޖީއެމްއާރު މައްސަލާގައި ވާހަކަ ދައްކައިގެން ހައްލު ކުރަން ސަރުކާރަށް ދެންނެވި ކަމަށް ކުރީގެ ރައީސް މައުމޫން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފައިވާ ކަމަށެވެ. އެކަމަކު ރައީސް މައުމޫން އެގޮތަށް ވިދާޅުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް ރައީސް މައުމޫން އިންޑިއާއަށް ވަޑައިގެން އެގޮތަށް ވިދާޅުވިކަމަށްވާ ނަމަ އެއީ ވިސްނާލަންޖެހޭ ކަމެއް ކަމަށް ގާސިމު ވިދާޅުވިއެވެ.
ޖީއެމްއާރަށް އެއާޕޯޓު ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އޭސީސީން ބުނުމާއި އެކު ރައީސް ނަޝީދުވަނީ މަޖިލިސް މެދުވެރިވެގެން ވެސް ޖީއެމްއާރު އަނބުރާ ގެނައުމަށް ގޮވާލައްވާފައެވެ.
ރައީސް މައުމޫނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޖީއެމްއާރުގެ މައްސަލައެއް ނެތް ކަމަށާއި މައްސަލަ ޖެހިފައިވަނީ ހެދިފައިވާ އުސޫލުތަކާއި ހިލާފަށް މަޖިލީހުގެ ބަހެއް ވެސް ނެތި ޖީއެމްއާރު ގެނައުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ