ގާޒީ ހައިލަމަށް ނޫފޫޒު ފޯރުވި ބޭފުޅުންގެ ނަންތައް ހާމަކުރޭ - ހަސަން ލަތީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރެވިފައިވާ މަނީ ލައުންޑަރިންގ ތުހުމަތަށްފަހު، އެމަނިކުފާނަށް ހުކުމް އަންނާނެ ގޮތެއް ބެލުމަށް ސުޕްރީމް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ބުނާ މި ސަރުކާރުގެ އިސް ބޭފުޅުންގެ ނަންތައް ހާމަކުރުމަށް އެމްޑީޕީގެ ޗެއާޕާސަން، އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިގޮތަށް ވިދާޅުވީ، ހައިލަމް ރޭ ނެރެފައިވާ ނޫސް ބަޔާނާއި ގުޅިގެންނެވެ. ހައިލަމްއަކީ ރައީސް ޔާމީންގެ އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
ހައިލަމް ރޭ ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީންއަށް މަނީލޯންޑަރިންގ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނާ އަށް ގުޅައި އަދި ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހިތާ ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހުއެވެ". ހައިލަމް ނެރުނު ބަޔާނުގައި ވެއެވެ.
ހައިލަމް ވިދާޅުވީ، ސަރުކާރުގެ ވަރަށް އިސް މަގާމުތަކިގައި ތިބި ފަރާތްތަކުން އޭނާއަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަދި އޭނާ ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުނު ކަމަށެވެ.
ހައިލަމްގެ މި ބަޔާނުގެ ފޮޓޯތައް ހިއްސާ ކުރަމުން ހަސަން ލަތީފް މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، އެހެން މީހުންގެ ބޮލުގައި އިލްޒާމް ނާޅުވާ ސަރުކާރުގެ މަތީ ބޭފުޅުން ނުފޫޒު ފޯރުވިކަމަށް ބުނާ ކަމުގައި ވާނަމަ އެމައްސަލަ ހުށައަޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ މީހުންގެ ނަންތައް ހާމަކުރުމަށް އެދޭ ކަމަށެެވެ.
"ގާޒީ ހައިލަމް ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި ތިޔަ އިލްޒާމް ނާޅުވާ، ނުފޫޒު ފޯރުވިކަމަށް ވިދާޅުވަންޔާ އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަ ކުރައްވާ އަދި އެ މައްސަލަ ހުށައަޅުއްވާ" ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ހަސަން ލަތީފް މިގޮތަށް ވިދާޅުވިިއިރު، ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުން އެދުނު ކަމަށް ބުނާ މައްސަލަ ސީރިއަސްކޮށް ބަލަންޖެހޭކަމަށް ބައެއް މަޖިލީސް މެންބަރުންނާއި، އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ