މަރުވެ ގަނޑުވެފައި ވަނިކޮށް ކޮންޓެއިނަރ ތެރެއިން ފެނުނީ ޗައިނާގެ 39 ރައްޔިތުން

ބެލްޖިއަމުން އިނގިރޭސިވިލާތަށް އެތެރެކުރި ކޮންޓެއިނަރެއްގެ ތެރެއިން ފެނުނު މަރުވެ ގަނޑުވެފައިވާ 39 މީހުންނަކީވެސް ޗައިނާގެ ރައްޔިތުންކަން އިނގިރޭސި ފުލުހުން ކަށަވަރު ކޮށްދީފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮންޓެއިނަރު ތެރެއިން ފެނުނު މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 31 ފިރިހެނުންނައި، 8 އަންހެނުން ކަމަށެވެ.
ޗައިނާ ސަރުކާރާ ހަވާލާދީ ޗައިނާގެ ގްލޯބަލް ޓައިމްސްއިން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އެހެން ނަމަވެސް ބުނެފައިވަނީ، މިވަގުތަށް އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.
ޗައިނާގެ ޚާރިޖިއްޔާއިން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ތަހްގީގަށް އެހީތެރިވުމަށް ޔޫކޭގައި ހުންނަ ޗައިނާ އެމްބަސީ އޮފިޝަލުން މިހާރު ޓްރަކް ފެނުނު ސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށެވެ.
މަރުވެ ގަނޑުވެފައިވާ 39 މީހުންގެ ހަށިގަނޑު ފެނުނީ، އިނގިރޭސިވިލާތުގެ އިންގްލިޝް ޕޯޓް ކައިރިން ޓްރަކަކަށް އަރުވައިގެން ގެންދިޔަ ކޮންޓެއިނަރު ތެރެއިންނެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން ގެންދަނީ ޓްރަކް ދުއްވަން އިން އުމުރުން 25 އަހަރުގެ ޑްރައިވަރާ ސުވާލު ކުރަމުންނެވެ. އެ ޑްރައިވަރަކީ ނޮދަން އަޔަރލޭންޑްގެ މީހެއް ކަމަށް ވެއެވެ.
މިކަމާ ގުޅިގެން ފުލުހުން މިހާރު ގެންދަނީ މި ޓްރަކާ ގުޅުންހުރި ނޮދަން އަޔަރލޭންޑްގެ ތިން ތަނެއް ބައި ފާސްކުރަމުންނެވެ.
މަރުވެ ގަނޑުވެފައި ވަނިކޮށް ކޮންޓެއިނަރު ތެރެއިން ފެނުނު 39 މީހުންނަކީ ޗައިނާގެ އުއިޣުރު ނަސްލުމުގެ މުސްލިމުން ކަމުގެ އަޑުތައްވެސް ފެތުރިފައި ވެއެވެ. ޗައިނާގެ އަނިޔާވެރިކަމާހެދި އުއިޣުރު މުސްލިމުން ގެންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރެފިއުޖީންގެ ގޮތުގައި އެތެރެވުމަށް މަސައްކަތް ކުރަމުންނެވެ.
39 މީހެއްގެ މަރުވެފައިވާ ހަށިގަނޑު ފެނުނު މައްސަލާގައި ޕާލަމެންޓްގައި ވާހަކަފުޅު ދައްކަވަމުން އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންވަނީ، މިމީހުން ވަގަށް އެތެރެކުރަން މަސައްކަތްކުރި އެންމެން ހޯދައި ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދެއްވާނޭ ކަމަށް ވައުދުވެވަޑައި ގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ