ކަރަންޓް އަގު ހެޔޮކުރުމަށް ޑީސަލަށް ކުރާ ހޭދަ ކުޑަކުރަން ގޮވާލާ ޤަރާރެއް ހުށަހަޅައިފި

ކަރަންޓް އަގުހެޔޮ ކުރުމަށް ގޮވާލައި، އެކަމުގައި ޤައުމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.
ހޯރަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ހުށަހަޅުއްވި މި ޤަރާރުގަިއ ބުނެފައި ވަނީ، ރާއްޖޭގެ ތަރައްޤީ އަށާއި ދިވެހިންގެ ދިރިއުޅުމުގެ ފަސޭހަތަކަށް ބޭނުންވާ ކަރަންޓް އެފެއްދުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިއުމާއި، ކަރަންޓްގެ އަގު ބޮޑުވުމަކީ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވާ ކަމެއް ކަމަށެވެ.
މީގެ އިތުރަށް ކަރަންޓްގެ އަގު ރައްޔިތުންނަށް އުފުލޭނެ މިންވަރެއްގައި ދެމެހެއްޓުން ބޮޑު ގޮންޖެހުމަކަށް ވެފައިވާއިރު، އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުކާއި ގުޅިގެން ކަރަންޓް އުފެއްދުމުގައި އަގު ބޮޑުކުރަން ޖެހުމުން ސަރުކާރަށްވެސް މާލީ ބޮޑު ތަކްލީފެއް އުފުލަންޖެހޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތަކެއް ޤައުމީ ފެންވަރުގައި އެޅުމަށް މި ޤަރާރުގައި ވަނީ ގޮވާލާފައެވެ.
މެންބަރު ސަލީމް ހުށަހެޅުއްވި ޤަރާރުގައި އިތުރަށް ބުނަނީ، ކަރަންޓްގެ އަގު ކުޑަކޮށް، ރައްޔިތު މީހާގެ ދިރިއުޅުމުގެ ފެންވަރަށްބަލައި އެއްވެސް އާއިލާ އަކަށް ބުރަނުވާގޮތަށް ކަރަންޓް ސަބްސިޑީ ފޯރުކޮށްދިނުމާއި، ތެލަށް ކުރާ އިސްރާފު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް ތަރައްގީކުރެވޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވާ ކަމަށެވެ.
މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުޤައްރިރު ހުށަހެޅުއްވި ޤަރާރުގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި އުފައްްދާ ކަރަންޓް މައިގަނޑުގޮތެއްގައި ބިނާވެފައި ވަނީ ރާއްޖެއަށް އެތެރެކުރާ ޑީސަލް އަށް ކަމަށެވެ. އެހެންކަމުން ޑީސަލް އެތެރެކޮށް ތިމާވެއްޓަށް ގެއްލުންދެނިވި ގޮތަކަށް ކަރަންޓަށް ކުރާ އިސްރާފު ބޮޑުވާއިރު، ހަރުދަނާ ގޮތެއްގައި ހަކަތައިގެ ދާއިރާ ހިންގަމުން ނުދާކަން ފާހަގަކުރެވޭ ކަމަށެވެ.
މި ޤަރާރުގައި ވަނީ ޑީސަލް ގަތުމަށް ރާއްޖެއިން ބޮޑު ހަރަދެއް ކުރަންޖެހޭކަން ފާހަގަކޮށްފައެވެ. އެގޮތުން 2018 ވަނަ އަހަރު 598،521 މެޓްރިކް ޓަނުގެ ޑީސަލް އެތެރެކުރުމަށް 5.4 ބިލިއަން ރުފިޔާ ނުވަތަ (439 މިލިއަން އެމެރިކާ ޑޮލަރު) ގެ ބޮޑު ހަރަދެއް ރާއްޖެއިން ޑީސަލަށް އެކަނި ކޮށްފައިވާ ކަމަށެވެ.
ޤަރާރުގައި ބުނެފައި ވަނީ ކަރަންޓްގެ އަގު ބިނާ ވަނީ ރާއްޖެއަށް އެތެރެކުރާ ޑީސަލްގެ އަގަށް ބަލައިގެން ކަރަންޓް ޔުނިޓްގެ އަގު ކަނޑައަޅަމުންދާއިރު، ޑީސަލް ބޭނުންކޮށްގެން އުފައްދާ ކަރަންޓް މަދުކޮށް، އަދި ޑީސަލާއި އެކު ކުރިއަށްގޮސްގެން ހަކަތައިގެ މިނިވަންކަން ރާއްޖެއަށް ލިބި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ނުކުރެވޭކަންވެސް މި ޤަރާރުގައިވާ ވާހަތަކުން ހާމަކޮށްދެއެވެ.
އެހެންކަމުން މި ޤަރާރުގައި ވަނީ، ގްރީން ފަންޑާއި ދައުލަތުގެ ބަޖެޓުން ޙިއްސާ ވެގެން އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރުން ކުރިއެރުވުމުގެ ގޮތުން ޚާއްޞަ ފަންޑެއް އުފެއްދުމަށް ގޮވާލައި، ޑީސަލުން އުފައްދާ ކަރަންޓަަށްދޭ ސަބްސިޑީ އިއާދަކުރަނިވި ހަކަތައަށް ހޭދަކުރުމާއި، އެފައިސާ ރާއްޖޭގެ މީހުން ދިރިއުޅޭ ގޭގެ އާއި ވިޔަފާރިތަކަށާއި، ސޯލާ ޕީވީ ސިސްޓަމްތައް ހަރުކުރުމަށް ބޭނުންވާ ލޯނު ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށާއި، އެކަމަށް ޤައުމީ ފެންވަރުގެ މަޝްރޫއެއް ހިންގައި ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ހިންގުމަށްވެސް ވަނީ ގޮވާލާފައެވެ.
މީގެ އިތުރަށް އެނާޖީ އެފިޝަންސީގެ މިންގަނޑުތައް އެކުލަވާލައި، އެ މިންގަޑުތަކަށް ފެތޭ ތަކެތިން ޑިއުޓީ މާފު ކުރުން ނުވަތަ ކުޑަ ކުރުމަށާއި، އެ މިންގަނޑުތަކަށް ނުފެތޭ ސާމާނުތަކުގެ ތެރެއިން ކޮންމެހެން އެތެރެ ކުރަންޖެހޭ އެއްޗެހި ނޫނީ އެތެރެ ނުކުރުމަށާއި، އިއާދަ ކުރަނިވި ހަކަތަ އާއި ގުޅޭ އިންޖިނިއަރިން އާއި މެނޭޖްމަންޓްގެ ދާއިރާއިން މީހުން ބިނާކުރުން އިތުރުމަށްވެސް ވަނީ ގޮވާލާފައެވެ.
ކަރަންޓް އަގުހެޔޮ ކުރުމަށް ގޮވާލައި އެކަން ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ މި ޤަރާރުގައި ޑީސަލަށް ކުރާ ހަރަދުކުޑަކޮށް ހަކަތައިގެ ހިދުމަތްތައް ރާއްޖޭގެ އުތުރާއި މެދުގައި އަދި ދެކުނުގައި ހިދުމަތްދެވޭ ގޮތަށް ހަކަތައިގެ ހިދުމަތްތައްދޭ ކުންފުނިތައް ރީ ސްޓްރަކްޗަރ ކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރާއި ޖުމްލަކޮށް މުޅި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް މި ޤަރާރުގައި ވަނީ އިލްތިމާސްކޮށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ